މުޙައްމަދު ޝަމްޢޫން
ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް (އެފްއެމްއެސްސީ) އިން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގައި މިއަދު ހަވީރު އައުޓްރީފް އެސްސީ އާއި ފޮއެމަތި ސްޕޯޓްސް ކްލަބު އެއްވަރުވި އިރު، އަލީ އަޝްފާގު (ދަގަނޑޭ)ގެ ތަފާތުން ޔުނައިޓެޑް އައުޓްރީފް ކުއާޓާ ފައިނަލްގެ އުންމީދު ބޮޑު ކޮށްފިއެވެ.
ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގައި ޖުމުލަ 15 ޓީމަކުން ވާދަކުރަމުންދާ އިރު، މެޗުތައް ކުރިއަށް ދަނީ ފޮނަދޫ ފުޓްސަލް ދަނޑުގައެވެ. މިއަދު ހަވީރު ފުރަތަމަ ކުޅެފައި ވަނީ ގްރޫޕް ސީގެ މެޗެކެވެ. އެ ގްރޫޕްގައި ފުރަތަމަ ކުޅުނު މެޗުތަކުން މޮޅުވެފައި އޮތް ފޮއެމައްޗާއި އައުޓްރީފް އެސްސީ މިއަދު ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، އެ ދެ ޓީމަށްވެސް މިހާރު ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.
ދެ ޓީމަށްވެސް ބާކީ މެޗެއް އޮތް އިރު، ކުއާޓާއަށް ދިޔުމަށް ދެ ޓީމަށްވެސް ބޮޑު ފުރުސަތެއް އެބައޮތެވެ. އެ ގްރޫޕްގައި ދެން ހިމެނޭ ބެސްޓް ބޯއީޒް އާއި ޖީޖއެސްސީއަށް އަދި އޮތީ މޮޅެއް ނުހޯދިއެވެ. ދެން އެ ގްރޫޕްގައި އޮންނާނީ އެ ދެ ޓީމު ކުޅޭ މެޗެވެ.
މިއަދުގެ މެޗުގައި އައުޓްރީފް އެސްސީގެ ގޯލު ޖަހައިދިނީ އަލީ ޝާމިސް (ތޮއްޕެ) އެވެ. އަދި ފޮއެމަތީގެ ހަމައެކަނި ގޯލު ޖެހީ އަލީ މީސާގެވެ. މެޗުގައި ދެ ޓީމުގެ ފަރާތުންވެސް އިތުރު ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިވާ އިރު، މޮޅު ކުޅުންތެރިޔަކީ ފޮއެމަތިން ކުޅުނު ފުރަތަމަ މެޗުގައިވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އެވެ.
މިއަދުގެ ދެ ވަނަ މެޗަކީ ގްރޫޕް ބީގައި ޔުނައިޓެޑް އައުޓްރީފާއި ކިންގް އެސްސީ ވާދަކުރި މެޗެވެ. ކިންގް އެސްސީން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެ މިއަދުގެ މެޗަށް ނުކުމެފައިވާ އިރު، ޔުނައިޓެޑް އައުޓްރީފުން ނުކުތީ ފުރަތަމަ މެޗުގައި އަމިގޯސް އެސްސީއާ އެއްވަރުވެފައި އޮވެގެންނެވެ.
މިއަދުގެ މެޗު ޔުނައިޓެޑް އައުޓްރީފުން 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރުމާ އެކު އެޓީމަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. ބާކީ ދެން އެޓީމަށް އޮތީ އަފޭންނާ ދެކޮޅަށް ކުޅޭ މެޗެވެ. އެ ގްރޫޕުން ކުއާޓާގެ ޖާގައެއް އަދި އެއްވެސް ޓީމަކަށް ޔަގީންވެފައި ނުވާ އިރު، ދެން އޮތް މެޗުތައް ފޯރިގަދަވާނެއެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑް އައުޓްރީފުން ލީޑު ނަގާފައިވާ އިރު، އެޓީމުގެ ތަފާތަކަށްވީ ރާއްޖޭގެ ފުޓުބޯޅަ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ދަގަނޑޭއެވެ. މެޗުގައި ދަގަނޑޭގެ ދެ ގޯލު ފެނިގެން ގޮސްފައިވާ އިރު، ޔުނައިޓެޑް އައުޓްރީފްގެ އަނެއް ގޯލު ޖެހީ އަބްދުﷲ އަރީފެވެ.
ފަހު ކޮޅަށް ގޮސް ކިންގް އެސްސީން ކުޅުން ރަނގަޅުކޮށް މޫސާ ހާނިމްގެ ހިލޭ ޖެހުމަކުން ލީޑުގެ ފަރަގު ކުޑަވެސް ކުރިއެވެ. ފަހު ފަސްވަރަކަށް މިނެޓުގައި ޔުނައިޓެޑް އައުޓްރީފްގެ ފަސް ފައުލް ހަމަވެފައި އޮތުމުން އެޓީމަށް ވަރަށް ބޮޑަށް ވިސްނައިގެން ކުޅެން ޖެހުމުގެ އުނދަގޫތަކާ ކުރިމަތިވިއެވެ. އެހެން ނަމަވެސް މެޗު ނިމެންދެން ޔުނައިޓެޑް އައުޓްރީފުން ވަނީ ހިތްވަރުކޮށް، ތިން ޕޮއިންޓް ޔަގީން ކޮށްފައެވެ.
އެ މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް ދެ ގޯލު ޖެހި ދަގަނޑޭއެވެ.
އެފްއެމްސީން ވަނީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް މިއަހަރުވެސް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ. މުބާރާތުގައި ނަން މަޝްހޫރު ތަރިން ފެނިގެންދާ އިރު، ގްރޫޕް ސްޓޭޖުވެސް ފޯރިގަދަވާނެއެވެ.
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލްއެވެ. ޕްލެޓިނަމް ސްޕޮންސަރުންނަކީ ކޮކާ ކޯލާ، ޝަބްނަމީ ހޯލްޑިންގްސް، ފޮނަދޫ ކައުންސިލް، ސޯސަން ފިހާރަ، ދަ ސުޕާރީ ފިހާރައެވެ. ސިލްވާ ސްޕޮންސަރުންނަކީ ބެސްޓް ބައި މޯލްޑިވްސް، ރެޑްބުލްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަދި ފެންސީ ފުޑްސްއެވެ. ލައިވް ޕާޓްނަރަކީ ލާމު ލައިވްއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.
މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ. "ވަން ސްޕޯޓްސް" އިން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެމުންދާނެއެވެ.
20:15 ވައްޓަފާޅި އެސްސީ - ކިއުއެމް ސްޕޯޓްސް އެކަޑެމީ
21:15 ބެސްޓް ބޯއީޒް - ޖީޖީއެސްސީ