ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް

ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް: ވިއްސާރަވުމުގެ ސަބަބުން ގްރޫޕް ސްޓޭޖު ތާވަލަށް ބަދަލުތަކެއް

ވިއްސާރަވުމުން ބައެއް މެޗުތައް ފަސްކުރަން ޖެހުމުން ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ތާވަލަށް ބަދަލުތަކެއް ގެނެސްފިއެވެ.

ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް (އެފްއެމްއެސްސީ) އިން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024ގެ ގްރޫޕް ސްޓޭޖުގެ ކުޅުން މިހާރު ކުރިއަށްދާއިރު، ލާމު އަތޮޅަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރޭ ކުޅެން އޮތް ތިން މެޗުވެސް ވަނީ ފަސްކުރަން ޖެހިފައެވެ.

އެ މެޗުތަކުން މިއަދު ހަވީރުގެ މެޗުތައް ފަށާއިރު، ރޭ އައުޓްރީފް އެސްސީއާއި ޖީޖީއެސްސީ ކުޅެން އޮތް މެޗު މިހާރު ކުޅޭނީ މިއަދު ހަވީރު 4:15 ގައެވެ. އަދި ރޭ ޔުނައިޓެޑް އައުޓްރީފް އާއި އަމިގޯސް ކުޅެން އޮތް މެޗު މިހާރު ކުޅޭނީ މިއަދު ހަވީރު 5:15 ގައެވެ.

މިހާރު ތާވަލު އޮތް ގޮތުން މުބާރާތުގައި މިރޭ ކުޅޭނީ އެންމެ މެޗެކެވެ. އެއީ މުންޑޫ ޒުވާނުންގެ ޖަމިއްޔާއާއި ރަސްހިންނެ ނިއު ޖެނެރޭޝަންސް ވާދަކުރާ މެޗެވެ. ދެން އަނެއް މެޗުތައް ހަވީރާއި ރޭގަނޑަށް ތާވަލުކޮށް ކުރިއަށް ގެންދަން އިއުލާން ކޮށްފައިވާއިރު، މިހާރު އޮތް ގޮތުންވެސް ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ ކުރިންވެސް ތާވަލުކޮށްފައި އޮތް އަންނަ މަހުގެ ތިންވަނަ ދުވަހުގެ ރޭގައެވެ.

އަދި މިހާރުވެސް ސެމީ އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ރޭގައެވެ. ފައިނަލް އޮންނާނީ ހަތްވަނަ ދުވަހުގެ ރޭގައެވެ.

އެފްއެމްސީން ވަނީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް މި އަހަރުވެސް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ. މުބާރާތުގައި ނަން މަޝްހޫރު ތަރިން ފެނިގެންދާ އިރު، ގްރޫޕް ސްޓޭޖުވެސް ފޯރިގަދަވާނެއެވެ.

ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލްއެވެ. ޕްލެޓިނަމް ސްޕޮންސަރުންނަކީ ކޮކާ ކޯލާ، ޝަބްނަމީ ހޯލްޑިންގްސް، ފޮނަދޫ ކައުންސިލް، ސޯސަން ފިހާރަ، ދަ ސުޕާރީ ފިހާރައެވެ. ސިލްވާ ސްޕޮންސަރުންނަކީ ބެސްޓް ބައި މޯލްޑިވްސް، ރެޑްބުލްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަދި ފެންސީ ފުޑްސްއެވެ. ލައިވް ޕާޓްނަރަކީ ލާމު ލައިވްއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.

މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ. "ވަން ސްޕޯޓްސް" އިން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެމުންދާނެއެވެ.