ދުނިޔެ

ދިއްލީގައި ފެންހޮޅިން ފެން ޖަހައިގެން ކާރު ދޮންނަނަމަ ޖޫރިމަނާ ކުރަނީ

މުހައްމަދު އައުޒަމް

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ފެން ހޮޅިން ފެން ޖަހައިގެން ކާރު ދޮންނަނަމަ ޖޫރިމަނާ ކުރަން ނިންމައިފިއެވެ.

ދިއްލީގެ ފެނާބެހޭ މިނިސްޓަރު އާޓިޝީ ވިދާޅުވީ 200 މީހުންގެ މައްޗަށް އެކުލެވޭ ޓީމެއް މިއަދުން ފެށިގެން ދިއްލީގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާނެ ކަމަށެވެ. އަދި އެ މީހުން މެދުވެރިކޮށް ފެން އިސްރާފު ކުރާ މީހުން ހޯދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދިއްލީ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ފެންހޮޅި ބޭނުންކޮށްގެން ކާރު ދޮންނަ މީހުން 2000 ރުޕީސް އިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ފެން އިސްރާފު ކުރާ މީހުންނާއި ފެން ޓޭންކުތައް ފުރިގެން ބަންޑުންވާ ނަމަ އެކަން ކުރާ ފަރާތްތަކާއި ކޮންސްޓްރަކްޝަން ސައިޓުތަކުގައާއި ވިޔަފާރީގެ ގޮތުން ފެން އިސްރާފު ކުރާ ފަރާތްތައްވެސް ހޯދައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެއެވެ.

ދިއްލީ ސަރުކާރުން މި ފިޔަވަޅުތައް އަޅަން ފަށާފައި މިވަނީ، އެ ސިޓީގެ އިހުސާސް ކުރެވޭ ހޫނުމިން އާދަޔާ ހިލާފަށް މަތިވެ ފެނަށް ޖެހިދާނެކަމުގެ ބިރު ހީވެގެންނެވެ.