ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް

ރަސްހިންނެ ކުއާޓާއަށް، ބައްކުގެ ދެ ހެޓްރިކާއެކު ފޮއެމަތިން 10 ގޯލު

ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް (އެފްއެމްއެސްސީ) އިން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގައި މިއަދު ހަވީރު ކުޅުނު މެޗުތަކުން ފޮއެމަތި ސްޕޯޓްސް ކްލަބާއި ރަސްހިންނެ އެސްސީ މޮޅުވެއްޖެއެވެ.

ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގައި ޖުމުލަ 15 ޓީމަކުން ވާދަކުރަމުންދާ އިރު، މިއަދު ހަވީރު ވަނީ ދެ މެޗު ކުޅެފައެވެ. އޭގެ ތެރެއިން ފުރަަތަމަ މެޗަކީ ރޭ ވިއްސާރަވުމުގެ ސަބަބުން ފަސްކުރި ގްރޫޕް ސީގެ ފުރަތަމަ މެޗެވެ. އެ މެޗުގައި ފޮއެމަތި ސްޕޯޓްސް ކްލަބު ވަނީ 10-1 އިން ބެސްޓް ބޯއީޒް ބަލިކޮށްފައެވެ.

މެޗުގައި ފޮއެމަތީގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ވަނީ ހަ ގޯލު ޖަހައިފައެވެ. ގައުމީ ފުޓުބޯޅަ ޓީމުގައިވެސް ހިމެނޭ ބައްކުގެ އިތުރުން ދެން ފޮއެމަތީގެ ގޯލުތައް ޖެހީ ހަސަން ޒައިދް، މުހައްމަދު ރަޒާން އަދި ޒައިދާން އަބުދުﷲއެވެ. މެޗުގައި ޒައިދު ވަނީ ދެ ގޯލު ޖަހައިފައެވެ.

ބެސްޓް ބޯއީޒްގެ ހަމައެކަނި ގޯލު ޖެހީ ހަސަން ފަރީދެވެ.

ދެން މިއަދު ހަވީރު ކުޅުނީ ގްރޫޕް އޭގެ މެޗެވެ. އެ މެޗުގައި ރަސްހިންނެ ސްޕޯޓްސް ކްލަބާއި ސޭންޑްސް އޮފް ލާމު ވާދަކޮށް، ރަސްހިންނެއިން މެޗު ކާމިޔާބުކުރީ 6-0 ގެ ނަތީޖާއަކުންނެވެ.

މިހާތަނަށް މުބާރާތުގައި ކުޅުނު ދެ މެޗުންވެސް ރަސްހިންނެ މޮޅުވެފައިވާ އިރު، ހަ ޕޮއިންޓާ އެކު އެޓީމަށް ވަނީ ކުއާޓާ ފައިނަލް ޔަގީންވެފައެވެ. އެ ގްރޫޕްގައި ދެން އޮތް ސޭންޑްސް އޮފް ލާމާއި ކިއު އެމް ސްޕޯޓްސްއަށްވެސް ޕޮއިންޓެއް ލިބިފައިވާ އިރު، ވައްޓަފާޅި ސްޕޯޓްސް ކްލަބަށް އަދި ޕޮއިންޓެއް ނުލިބެއެވެ. ވައްޓަފާޅި އާއި ކިއުއެމްއަށް އަދި ކުއާޓާގެ ފުރުސަތު އެބައޮތެވެ. އެއީ ދެ މެޗު ބާކީ އޮތުމުންނެވެ. އެ ދެ ޓީމު ވާދަކުރާ މެޗަކީ ގްރޫޕްގައި މުހިއްމު މެޗަކަށްވާނެއެވެ.

މިއަދުގެ މެޗުގައި ރަސްހިންނެގެ ސާމިން މުހައްމަދު ނަސީރު ވަނީ ހެޓްރިކް ހަދައިފައެވެ. އަދި އަހުމަދު ހަލީމް (އަންމަޑޭ) އެޓީމަށް ދެ ގޯލު ޖަހައިދިން އިރު، އަނެއް ގޯލު ޖެހީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

އެފްއެމްސީން ވަނީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް މި އަހަރުވެސް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ. މުބާރާތުގައި ނަން މަޝްހޫރު ތަރިން ފެނިގެންދާ އިރު، ގްރޫޕް ސްޓޭޖުވެސް ފޯރިގަދަވާނެއެވެ.

ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލްއެވެ. ޕްލެޓިނަމް ސްޕޮންސަރުންނަކީ ކޮކާ ކޯލާ، ޝަބްނަމީ ހޯލްޑިންގްސް، ފޮނަދޫ ކައުންސިލް، ސޯސަން ފިހާރަ، ދަ ސުޕާރީ ފިހާރައެވެ. ސިލްވާ ސްޕޮންސަރުންނަކީ ބެސްޓް ބައި މޯލްޑިވްސް، ރެޑްބުލްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަދި ފެންސީ ފުޑްސްއެވެ. ލައިވް ޕާޓްނަރަކީ ލާމު ލައިވްއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.

މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ. "ވަން ސްޕޯޓްސް" އިން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެމުންދާނެއެވެ.