ރަށެއްގައި ހުންނަ އާސާރީ ތަންތަނަށް ގެއްލުން ދިނުމަކީ ގާނޫނީ ކުށެއް ކަމަށާއި އެފަދަ ކަންކަން ނުކުރުއްވުމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗާރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ޔުމްނާ މިހެން ވިދާޅުވީ ފ. ބިލެތްދޫގެ ވެވެއް ކެރޭނު ބޭނުންކޮށްގެން ބަޔަކު ކޮންނަނީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުވަމުންދާ ފޮޓޯތަކަކާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައެވެ. އެކަމަކީ ހަގީގަތެއްނަމަ ވަގުތުން އެކަން ހުއްޓާލުމަށް ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ އާސާރީ ތަންތަން ކެރޭނުން ކޮނުމުން އެތަންތަނަށް ގެއްލުންވާނެ ކަމަށާއި، އެފަދަ އާސާރީ ތަންތަނަށް ގެއްލުން ނުލިބޭނެހެން ކޮންނަން ވަކި ގޮތްތަކެއްވާ ކަމަށް ޔުމްނާ ވިދާޅުވިއެވެ.
ޔުމްނާ ވިދާޅުވީ ރަށެއްގައި ހުންނަ އާސާރީ ތަންތަނަކީ އެ ރަށެއްގެ ރައްޔިިތުންގެ މިލްކެއް ކަމަށެވެ. އަދި އެފަދަ ތަންތަނަށް ގެއްލުން ދިނުމަކީ ގާނޫނީ ކުށެއް ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ. ރަށެއްގައިި ހުންނަ އާސާރީ ނުވަތަ ސަގާފީ ތަންތަނުގެ އިޖްތިމާއީ އަދި އިގްތިސާދީ މަންފާ ރައްޔިތުންނަށް ލިބޭނީ އެ ތަންތަން ރަނގަޅު ގޮތުގައި ރައްކާތެރިިކުރެވިގެން ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ. އަދި އެކަންކަމުގައި ރައްޔިތުންނާއި ރަށްރަށުގެ ކައުންސިލްތަކުގެ އެއްބާރުލުން މިނިސްޓްރީއަށް ބޭނުންވާކަމަށް ޔުމްނާ ވިދާޅުވިއެވެ.
މިކަމާގުޅިގެން ބިލެތްދޫގެ ކައުންސިލް މެމްބަރު އިހުސާން ''ވަން އޮންލައިން''އަށް ފޯނުން މައުލޫމާތު ދެމުން ވިދާޅުވީ ސޯޝަލް މީޑިއާގައި އާންމުވި އެ ފޮޓޯގަނޑަކީ އެރަށުގެ ދަނޑުވެރިކަމަށް ފެން ނެގުމަށް ވަޅެއް ހެދުމަށް ކޮންނަމުންދާ މަންޒަރު ފެންނަ ފޮޓޯގަނޑެއް ކަމަށެވެ. އަދި ބިލެތްދޫގައި ވެވެއް ހުންނަކަން ނޭނގޭ ކަމަށް އިހުސާން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ''ވަން އޮންލައިން''އަށް މައުލޫމާތު ދެމުން ހެރިޓޭޖް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ހަސަން މުހައްމަދު ވިދާޅުވީ ހެރިޓޭޖުން މިކަމުގެ ތެދު ދޮގު ބަލަމުން އަންނަ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާނަމަ އެކަން ހުއްޓުވައި، ހެރިޓެޖް މިނިސްޓްރީއާ ވާހަކަ ދައްކައިގެން އެކަން ކުރިއަށް ގެންދިއުމަށް ވެސް އެދިފައިވާނެ ކަމަށް ހަސަން ވިދާޅުވިއެވެ.