ދުނިޔެ

ދިއްލީގެ ހޮސްޕިޓަލެއްގައި ރޯވެ ހަ ކުދިން މަރުވެއްޖެ

މުހައްމަދު އައުޒަމް

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ހޮސްޕިޓަލެއްގައި ރޯވެ ތުއްތު ހަ ކުދިން މަރުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެ ހާދިސާ ހިނގާފައިވަނީ ދިއްލީގެ ވިވެކް ވިހާރް ސަރަހައްދުގައި ހުންނަ ހޮސްޕިޓަލެއްގައެވެ. ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ހާދިސާ ހިނގި ހޮސްޕިޓަލުގެ ކުޑަކުދިންގެ ޔުނިޓުގައި 12 ތުއްތު ކުދިންނަށް ދިޔައީ ފަރުވާ ދެމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ ހޮސްޕިޓަލުގައި ބޮޑަށް ރޯވީ، އޮކްސިޖަން ފުޅިތަކެއް ގޮވައިގެންނެވެ. އަދި އަލިފާންގަނޑު ނިއްވުމަށް 14 އަލިފާން ނިއްވާ ޓްރަކް ބޭނުންކޮށްފައިވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ވަނީ އަލިފާން ރޯވާން ދިމާވި ސަބަބު ހޯދުމަށް ހާއްސަ ތަހުގީގެއް ފަށައިފައެވެ. އަދި އެކަމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.