ހޮލީވުޑް

ޖޭން ދަ ވާޖިން ކައިވެނި ކޮށްފި

މަގްބޫލު ސީރީޒް ޖޭން ދަ ވާޖިންގައި ޖޭންގެ ރޯލުން ފެނިގެންދާ ޖެނާ ރޮޑްރިގޭޒް ކައިވެނިކޮށްފިއެވެ. ޖިނާ ކައިވެނިކުރިކަން ވަނީ އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.

ޖެނާ އާއި ފިރިމީހާ ޖޯ ލޯސިސެރޯ އެންމެ ފުރަތަމަ ދިމާވީ 2016 ވަނަ އަހަރު ޖޭން ދަ ވަޖީންގެ ޝޫޓިންއަކުންނެވެ. ނަމަވެސް ސީރީޒްގައި ޖޯ ފެނިގެން ދަނީ ކުޑަ ކުޑަ ސީންއަކުންނެވެ.

އޭގެ ހަ މަސްފަހުން ޖޯ އަދި ޖެނާ ބައްދަލުވެގެން ދިޔައީ ޖިމުން ކަމަށް ޖެނާ ވަނީ ލައިވް ވިތް ކެލީ އެންޑް ރައިން ޝޯއަށް ދިން އިންޓަވިއުގައި ބުނެފައެވެ.

ޑިސެމްބަރު 13، 2016 ގައި ދެތަރިންވެސް ރައްޓެހިވެގެން އުޅޭކަމަށް ވަނީ މީސްމީޑިއާގައި ހާމަކޮށްފައެވެ.

އޭގެ ފަހުން 2017 ޖެނުއަރީގައި ދެތަރިން ވަނީ ފުރަތަމަ ފަހަރަށް އެކީގައި ސްކްރީން އެކްޓާސް ގިލްޑް އެވޯޑްސް (ސޭގް) އަށް ގޮސްފައެވެ.

ޖޯ އަދި ޖެނާ ދިޔައީ އެމީހުންގެ ލޯބީގެ ގުޅުން މީސްމީޑިއާގައި ހިއްސާކުރަމުންނެވެ. އެގޮތުން އެކީގައި އުފަންދުވަސްތަކާއި ކްރިސްމަސް އަދި އާއަހަރުވެސް ވަނީ ފާހަގަކޮށްފައެވެ.

ދެ ތަރިންވަނީ މާރޗް 2018 ގައި އޮސްކާ އެވޯޑު ހަފްލާއަށްވެސް އެކީގައި ގޮސްފައެވެ.

ޖުލައި 2018 ގައި ޖެނާ އިންސްޓަގްރާމުގައި ހިއްސާކޮށްފައި ހުރި ފޮޓޯ އަކުން އެންގޭޖްވިކަމަށް އަޑުތައް ފެތުރެން ފެށިއެވެ. އެ ފޮޓޯއިން ޖެނާގެ އިނގިލީގައި އޮތް އަނގޮޓި ފެނިގެން ދެއެވެ.

އޯގަސްޓް 2018 ގައި ޖެނާ ވަނީ ޖޯ އާއެކު އެންގޭޖްވިކަން، ޕީޕަލްސް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ހިއްސާކޮށްފައެވެ. ޖެނާ ވަނީ ޖޯއަށް އެ އިންޓަވިއުގައި ވަރަށް ބޮޑަށް ތައުރީފުވެސް ކޮށްފައެވެ.

ޖެނާ އަދި ޖޯ ކައިވެނި ކުރީ މިމަހު ހަތަރެއްގައެވެ. އެކަން ޖެނާ ވަނީ އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށް ކައިވެނި ހަފްލާ އެހާ ފުރިހަމަކޮށް ގެންދިޔުމަށް އެހީވެދިން އެންމެނަށް ޝުކުރު އަދާކޮށްފައެވެ. ޖެނާ އަދި ޖޯގެ ކައިވެނި ލައި ދިނީވެސް ޖޭން ދަ ވާޖިންގައި ޖެނާގެ ކޯ ސްޓާރެއްގެ ގޮތުގައި ފެނިގެންދާ ޖަސްޓިން އެވެ.