ދުނިޔެ

ޕްރިންސް ހެރީއާއި މޭގަންއަށް ފިރިހެން ދަރިކަލަކު ލިބިވަޑައިގެންފި

ޕްރިންސް ހެރީއާއި އޭނާގެ އަނބިކަނބަލުން މޭގަން މާކަލްއަށް ދަރިކަލަކު ލިބިވަޑައިގެންފިއެވެ.

މިއަދުގެ ހެނދުނުގެ ވަގުތެއްގައި މޭގަންއަށް ފިރިހެން ދަރިކަލަކު ލިބިވަޑައިގެންފައިވާކަން ޝާހީ އާއިލާއިން ނެރުނު ބަޔާނެއްގައި ވަނީ ކަށަވަރުކޮށްދީފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޕްރިންސް ހެރީއާއި މޭގަންއަށް ލިބިވަޑައިގެންނެވި ދަރިކަލުންގެ ހާލު ރަނގަޅު ކަމަށާއި އެ ކުއްޖާގެ ބަރުދަނުގައި 3.2 ކިލޯ ހުރި ކަމަށެވެ. ނަމަވެސް ދަރިކަލުންނަށް ކިޔާނެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.

އިންސްޓަގްރާމް ޕޯސްޓެއްގައި ޕްރިންސް ހެރީ ވިދާޅުވީ އޭނާގެ ދަރިކަލުންގެ ހާލު ރަނގަޅު ކަމަށާއި ހިތްވަރު ދިން އެންމެންނަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ދަރިކަލެއް ލިބިވަޑައިގެންނެވުމުން އެކަމާ ނުހަނު އުފާކުރާ ކަމަށް ވެސް ޕްރިންސް ހެރީ ވިދާޅުވިއެވެ.

ޕްރިންސް ހެރީއާއި މޭގަންއަށް ލިބިވަޑައިގެންނެވި ދަރިކަލުންނަކީ ކުއީން އެލިޒަބަތަށްފަހު ތަހުތު ވާރުތަވާ ހަތްވަނަ ބޭފުޅާއެވެ. ޕްރިންސް ހެރީއަކީ ކުއީން އެލިޒަބަތަށްފަހު ތަހުތު ވާރުތަވާ ބޭފުޅާ ކަމަށްވާ ޕްރިންސް ޗާލްސް އާއި 1997 ވަނަ އަހަރު އަވަހާރަވި ޕްރިންސެސް ޑަޔާނާގެ ހަގު ދަރިކަލުންނެވެ.

ކުއީން އެލިޒަބަތަށްފަހު ހަވަނައަށް ތަހުތު ވާރުތަވާ ޕްރިންސް ހެރީއާއި އެމެރިކާގެ އެކްޓްރެސް މޭގަން ކައިވެނި ބައްލަވައިގެންފައިވަނީ 19 މެއި 2018 ގައެވެ.