ދުނިޔެ

ރަޝިޔާގައި އިމަޖެންސީގައި ފްލައިޓް ޖެއްސި ހާދިސާގައި މަރުވިމީހުންގެ އަދަދު 41އަށް އަރައިފި

މުހައްމަދު އައުޒަމް

ރަޝިޔާގައި އިމަޖެންސީގައި ފްލައިޓް ޖެއްސި ހާދިސާގައި މަރުވިމީހުންގެ އަދަދު 41އަށް އަރައިފި އެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯއިން ފުރައިގެން ރަޝިޔާގެ ހުޅަނގު އުތުރުގައި އޮންނަ މުރްމަންސްކް އަށް ދަތުރުކުރި އެއިރޯ ފްލައިޓްގައި އަލިފާން ރޯވުމުން އިމަޖެންސީގައި ޖެއްސުމާއެކު ފްލައިޓުގެ ބޮޑުބައެއްގައި ވަނީ އަލިފާން ރޯވެފައެވެ.

ހަތްދިހަ އަށް މީހުންނާއެކު ދަތުރުކުރި މިފްލައިޓު ނައްޓާލުމައެކު ކެބިންގައި މައްސަލައެއް އުޅޭކަމަށް ރިޕޯޓު ކުރުމާ ގުޅިގެން ފްލައިޓު އިމަޖެންސީގައި ޖައްސާފައިވަނީ ރަޝިޔާގެ ޝެރެމެޓްޔެވޯ އެއާޕޯޓަށެވެ. ހާދިސާގައި ސަލާމަތްވި މީހުން ބުނީ ފްލައިޓުގައި އަލިފާން ރޯވީ ހޮނުއެޅުމުގެ ސަބަބުން ކަމަށެވެ.

ޝެރެމެޓްޔެވޯ އެއަރޕޯޓުގެ އޮފިޝަލުން ބުނީ ފްލައިޓު އިމަޖެންސީގައި ޖައްސަން އެންމެ ފުރަތަމަ ކުރިމަސައްކަތް ކާމިޔާބު ނުވި ކަމަށެވެ. އަދި ދެވަނަ ފަހަރަށް މަސައްކަތް ކޮށްގެން ފްލައިޓު ޖެއްސުނުއިރު ފްލައިޓުގައި އަލިފާން ރޯވެ ދުން އަރަން ފަށާފައިވާ ކަމަށެވެ. ހަތްދިހަ އަށް މީހުންގެ ތެރެއިން ސަލާމަތްވެފައިވަނީ 37 މީހުންނެވެ. ސަލާމަތްވި ގިނަ މީހުންނަށް އެކިވަރުގެ އަނިޔަވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފައިވެއެވެ.