ކޮލަމްބޯ އެއާ ޝޯ އަންނަ އަހަރަށް ފަސްކޮށްފިއެވެ.
ސްރީލަންކާގައި މިމަހުގެ 29 އިން އަންނަ މަހުގެ ދެވަނަ ދުވަހަށް ބޭއްވުމަށް ރާވާފައިވާ ދަ ކޮލަމްބޯ އެއާ ޝޯ އެންޑް ޑިފެންސް އެގްޒިބިޝަން ފަސްކުރިކަން ހާމަކޮށް ލަންކާގެ އެއާފޯސް އިން ވަނީ ބަޔާނެއް ނެރެފައެވެ.
ލަންކާގެ ގޯލް ފޭސް އާއި ކޮލަމްބޯ ޕޯޓް ސިޓީ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ރޭވި އެޝޯވް ފަސްކުރަން ޖެހުނީ ބައިނަލްއަގުވާމީ ޕާޓްނަރުންނާއި ލަންކާގެ އެއާ ފޯސްގެ ދައުވަތަށް އަންނަ އެހެން ގައުމުތަކުގެ އެއާ ފޯސްތަކުގެ ހާއްސަ އެދުމުގެމަތިން ކަމަށް އޮފިޝަލުން ބުނެއެވެ.
ލަންކާގެ އެއާފޯސް އިން ވަނީ އެއިވެންޓު ފަސްކުރުމުން އެއިވެންޓުގައި ބައިވެރިވާ ފަރާތްތައް އިތުރުވެ އިވެންޓު އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ބުނެފައެވެ.
އެއާ ޝޯ ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހާއްސަ މިއުޒިކް ފެސްޓިވަލަކާއި އެކި ގައުމުތަކުގެ ކާބޯތަކެތި ހިމެނޭ ފުޑް ފެސްޓިވަލެއްގެ އިތުރުން ޑްރޯން ޝޯ ތަކާއި ވޯޓާ ސްޕޯޓްސްގެ އިތުރުން އެކި ބާވަތުގެ ގިނަ ހަރަކާތްތަކެއް ކުރިޔަށް ދާނެ ކަމަށް އެއާފޯސް އިން ބުނެއެވެ.
ދަ ކޮލަމްބޯ އެއާ ޝޯ އެންޑް ޑިފެންސް އެގްޒިބިޝަން އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 އިން މާޗް ދެވަނަ ދުވަހަށެވެ.