ޔޫރޯ 2024 ބާއްވާ ހޯސްޓް ގައުމު، ޖަރުމަނުން 27 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑު އިއުލާނުކޮށްފިއެވެ.
ޖަރުމަނުން އިއްޔެ އިއުލާނުކުރި 27 ކުޅުންތެރިންގެ ސްކޮޑުން ދެން ބާކީ ކުރާނީ އެންމެ ކުޅުންތެރިއެކެވެ. އެގައުމުން ޔޫރޯއަށް ފައިނަލް ކުރާ 26 ކުޅުންތެރިންގެ ސްކޮޑު އިއުލާނުކުރާނީ ޖޫން މަހު ޔޫރޯގެ ކުރިން ޔުކްރެއިނާއި ގްރީސްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ ދެ މެޗަށްފަހުގައެވެ. ޖަރުމަނުން ޔޫރޯ 2024 ހުޅުވާ މެޗުގައި ސްކޮޓްލޭންޑާ ދެކޮޅަށް ނުކުންނާނީ ޖޫން 14 ގައެވެ.
ޖަރުމަނުން އިއުލާނުކުރި ޕްރިލިމިނަރީ ސްކޮޑުގައި އުމުރުން 38 އަހަރުގެ ގޯލްކީޕަރު މެނުއަލް ނޯޔާއާއި 34 އަހަރުގެ ޓޯނީ ކްރޫސް އަދި ތޯމަސް މުލާވެސް ހިމަނާފައިވެއެވެ. 2022 ވަނަ އަހަރަށްފަހު ނޯޔާ، ޖަރުމަނު ގައުމީ ޓީމަށް އަދި މެޗެއް ކުޅެފައެއް ނުވެއެވެ. އެއީ ގަތަރު ވޯލްޑް ކަޕްގެ ކުރިން އޭނާ ފައި ބިންދައިގެން ދިއުމާއެކު އަނިޔާގައި ހުރުމުންނެވެ.
ކްރޫސްއަކީ ރިޓަޔާވާން ނިންމި ނިންމުން އަނބުރާލައި ދާދިފަހުން އަނެއްކާވެސް ޖަރުމަނު ގައުމީ ޓީމާ ގުޅުނު ކުޅުންތެރިއެކެވެ. ކްރޫސް 2021 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް، މިހާރުގެ ހެޑް ކޯޗު، ޖޫލިއަން ނާގެލްސްމަންއާ ވާހަކަ ދެއްކުމަށްފަހު އަލުން އަނބުރާ ގައުމީ ޓީމަށް ނުކުތީ މާޗު މަހުގައެވެ. އޭގެ ފަހުން ކްރޫސް ކުޅުނު ދެ މެޗުގައިވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ޖަރުމަނު ސްކޮޑުން ޖާގަ ނުލިބުނު ބައެއް ކުޅުންތެރިންނަށް ބަލާ އިރު، ޑޯޓްމަންޑާއެކު ޗެމްޕިއަންސް ލީގު ފައިނަލަށް ދިޔަ މެޓްސް ހުމެލްސްއާއި ޖޫލިއަން ބްރެންޓް ހިމެނެއެވެ. އޭގެ އިތުރުން ބަޔާން މިއުނިކްގެ ލެއޯން ގޮރެޓްސްކާއާއި ސާޖް ގްނަބެރީވެސް ޖަރުމަނު ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ.