އެތުލެޓިކްސް

އެތުލެޓިކްސްގެ ރައީސަކަށް ކުރިމަތިލީ މުސްތަފާ އެކަނި

އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް މިހާރު ވެސް އެކްސްކޯގައި ހިމެނޭ މެމްބަރު، މުސްތަފާ މުހައްމަދު (މުސްތޮ) ކުރިމަތިލައްވައިފިއެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އިންތިހާބަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު އިއްޔެ މެންދުުރު 12.00 އަށް ހަމަވެފައިވާ އިރު، އިއުލާނުކުރި ކޮންމެ މަގާމަކަށްވެސް ކުރިމަތިލީ އެންމެ ފަރާތެކެވެ. އެތުލެޓިކްސްއިން ފުރުސަތު ރައީސާއި ނާއިބު ރައީސްގެ އިތުރުން ހަޒާންދާރާއި ހިންގާ ކޮމިޓީގެ އިތުރު ތިން މެމްބަރުން އަދި ހިންގާ ކޮމިޓީގެ އަންހެން މެމްބަރަަށެވެ.

ރައީސްގެ މަގާމަށް ކުރިމަތިލެއްވި، މުސްތަފާ އަކީ، އެތުލެޓިކްސްގެ ހިންގާ ކޮމިޓީގައި ދެ ދައުރެއް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން ޔޫތު މިނިސްޓްރީގައި ވަޒީފާ އަދާކުރެއްވި މުސްތަފާއަކީ، މި ފަހުން އެތުލެޓިކްސްގެ އިސް ބޭފުޅެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން އަންނަ ހިންގާ ކޮމިޓީގެ މެމްބަރެކެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އެންމެ ފަހުން، ބޭއްވި އަހަރީ އާންމު ޖަލްސާގައި އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީވެސް މުސްތަފާއެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަމުގައި މިދިޔަ 12 ވަރަކަށް އަހަރު ހުންނެވި، މިހާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް، ސަރުކާރުން ކޮމިޝަނަރަކަށް އައްޔަންކުރެއްވުމާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވީ މީގެ ދެތިން މަހެއް ކުރިންނެވެ. އޭގެފަހުން އެސޯސިއޭޝަނުގެ ކަންކަމާ ހަވާލުވެ ހިންގަވަމުންދަނީ ނައިބު ރައީސް، އަހުމަދު އަޒީލެވެ.

އަޒީލް މިފަހަރުވެސް ނައިބު ރައީސަކަށް ކުރިމަތިލައްވާފައިވާ އިރު، ހަޒާންދާރުގެ މަގާމަށް ކުރިމަތިލެއްވީ ހަސްނާއު ރަޝީދު ހުސައިނެވެ. އަދި އާންމު މެންބަރުންގެ ގޮތުގައި ކުރިމަތިލެއްވީ މިހާރު ވެސް އެ މަގާމު ފުރުއްވަމުން އަންނަ ހުސެއިން އަމީންގެ އިތުރުން، ކުރިން އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވި ދެ މެންބަރުން ކަމަށްވާ މުހައްމަދު ޝާހިދު (ޝާޑު) އާއި މުޙައްމަދު ޝުޖާއު (ސުޖާ) އެވެ.

މީގެ އިތުރުން، ހިންގާ ކޮމިޓީގެ އަންހެން މެންބަރަކަށް ކުރިމަތިލެއްވީ ކުރީގެ އެއް ވަނަ ދުވުންތެރިޔާ، އަދި ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޔަޒުނީ ނަޝީދާ (ޔަޒޫ) އެވެ.