އެތުލެޓިކްސް

ވޯލްޑް އެތުލެޓިކް ޗެމްޕިއަންޝިޕަށް ސާއިދު، އޭޝިއަން މެރަތަން ޗެމްޕިއަންޝިޕަށް އިރުފާން

އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ދިގު ދުވުންތެރިޔާ މުހައްމަދު އިރުފާނަށް ލިބުނު އިރު، ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާ އެތުލީޓަކީ ހަސަން ސާއިދު ކަމަށް ނިންމައިފިއެވެ.

އޭޝިއަން މެރަތަން ޗެމްޕިއަންޝިޕާއި ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްވެސް އޮންނާނީ ޗައިނާގައެވެ. ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕް މާޗު މަހުގެ 21 އިން 23 އަށް ޗައިނާގެ ނަންޖިންގައި ކުރިއަށްގެންދަން ތާވަލު ކޮށްފައިވާ އިރު، އިރުފާނު ވާދަކުރާ އޭޝިއާގެ މެރަތަން މުބާރާތް އޮންނާނީ މާޗް 30 ވަނަ ދުވަހު ޗައިނާގެ ޖިއާންޒިންގައެވެ.

އިރުފާނަކީ ރާއްޖޭން ބޭރުގެ އެކި މެރަތަން މުބާރާތްތަކުގައި ވާދަކުރަމުން އަންނަ އެތުލީޓެއްގެ އިތުރުން 5000 މީޓަރު އާއި 10،000 މީޓަރު ރޭސްތަކުގައިވެސް ދުވަމުން އަންނަ އެތުލީޓެކެވެ.

ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައި މީގެ ކުރިންވެސް ސާއިދު ވާދަކުރިއެވެ. އެގޮތުން 2022 ވަނަ އަހަރު 60 މީޓަރު ދުވުމުގައި ސާއިދު ވާދަކުރި އިރު، އޭނާ ވެފައިވަނީ ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައި ވާދަކުރި ފުރަތަމަ ދިވެހި އެތުލީޓަށެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓު ކަމަށްވާ ސާއިދު ވަނީ 2015 ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފައެވެ. އަދި އެ ގޭމްސްގެ 200 މީޓަރު ދުވުމުން ރިހި މެޑަލް ވެސް ސާއިދު ހޯދިއެވެ.

އޭގެ އިތުރުން 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި 100 މީޓަރާއި 200 މީޓަރުން ރިހި މެޑަލް ހޯދައި ސާއިދު ވަނީ ރާއްޖޭގެ ކުޅިވަރު ތާރީހުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ. އަދި 2019 ވަނަ އަހަރުގެ އައިއޯއައިޖީގެ 200 މިޓަރުން ރިހި މެޑަލް ހޯދައި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރުން ރަން މެޑަލް އަދި 200 މިޓަރުން ލޯ މެޑަލްވެސް ސާއިދު ހޯދިއެވެ. އޭގެ އިތުރުން ވެސް އޭނާ ވަނީ އިންޑިއަން ގްރޯން ޕްރީ އާއި މެލޭޝިއަން އޯޕަން އިން ރަން މެޑަލް ހޯދައިފައެވެ.

ސާއިދު ވަނީ 2016 ވަނަ އަހަރު އޮލިމްޕިކްސްގައިވެސް ވާދަކޮށް، ޕްރިލިމިނަރީ ބުރުން އެއްވަނަ ހޯދައި، އަނެއް ބުރަށްވެސް ގޮސްފައެވެ.