ދުނިޔެ

ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި ލަންކާގެ 16 މީހުން މަރުވެފައިވޭ

މުހައްމަދު އައުޒަމް

ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި މިހާތަނަށް ސްރީ ލަންކާގެ 16 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ލަންކާގެ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަނީ ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމައިގައި އެ ގައުމުގެ 288 މީހުން ބައިވެރިވާ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ގިނައީ ލަންކާގެ އަސްކަރިއްޔާގައި އުޅުމަށްފަހު ރިޓަޔާ ކޮށްފައިވާ ސިފައިންގެ މީހުން ކަމަށްވެސް ބުނެފައިވެއެވެ.

ލަންކާގެ ޑިފެންސް މިނިސްޓްރީން އެ ހަނގުރާމައިގައި މަރުވެފައިވާ އެ ގައުމުގެ 16 މީހުންނަކީ ކޮން ބަޔަކާ ގުޅިގެން ހަނގުރާމަ ކުރަމުންދިޔަ ބައެއްކަން ނޭނގޭ ކަމަށެވެ.

ލަންކާގެ ސަރުކާރުން ވަނީ ޔޫކްރެއިނާއި ރަޝިއާގެ ސަރުކާރާ ގުޅިގެން އެ ގައުމުތަކުގައި ހަރަކާތްތެރިވާ ލަންކާގެ ރައްޔިންގެ މައުލޫމާތު އެއްކުރަމުންނެވެ. އަދި ހަނގުރާމަވެރިން އެނބުރި ގައުމަށް ގެނައުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.