އެސޯސިއޭޝަންތައް އާންމު އުސޫލަކުން ރަނގަޅަށް ހިންގަމުންދާ ނަމަވެސް، މަދު އެސޯސިއޭޝަނަކުން ފިޔަވައި އެހެން އެސޯސިއޭޝަންތަކުން ބަރާބަރަށް އޮޑިޓްކޮށް، އޮޑިޓް ރިޕޯޓު އަހަރުން އަހަރަށް ހުށަނާޅާ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.
ތޮލާލް އެހެން ވިދާޅުވީ ދިވެހި ރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި މިއަދު ކުޅިވަރާ ބެހޭ ވުޒާރާއިން ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައެވެ. މިއަދުގެ ޕްރެސްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ތޮލާލް ވިދާޅުވީ އާންމު ގޮތެއްގައި ރާއްޖޭގެ އެސޯސިއޭޝަންތަކުން ކުޅިވަރު ގާނޫނުގައިވާ ގޮތަށް ކަންކަން ކުރަމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް ބައެއް މަގުބޫލު، ބޮޑެތި އެސޯސިއޭޝަންތަކުގެ މައްސަލަތައް މިހާރުވެސް ފާހަގަވެ، އެކަންކަން ހައްލުކުރަން މަސައްކަތް ކުރައްވާ ކަމަށްވެސް ތޮލާލް ފާހަގަކުރެއްވިއެވެ.
އެ ވާހަކައިގެ ތެރެއިން ތޮލާލް އިތުރަށް ވިދާޅުވީ ގިނަ ކަންކަން ރަނގަޅަށް ކުރިއަށްގެންދާ އެސޯސިއޭޝަންތަކުގެ ފަރާތުންވެސް އަހަރީ އޮޑިޓް ކުރާލެއް މަދު ކަމަށާއި، އެސޯސިއޭޝަންތަކުން އޮޑިޓް ހުށަނާޅާ ސަބަބުތައް ބަލައި، އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އެސޯސިއޭޝަންތަކަށް އެންމެ ބޮޑަށް ބާރު އަޅަނީ ގާނޫނާއި ގަވާއިދުން ކަންކަން ކޮށް، ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅަން ޖެހޭ ފަރާތްތަކަށް ބަރާބަރު ގަޑިއަށް ހުށަހަޅަން. ގައުމީ އެސޯސިއޭޝަންތައް ގާނޫނާއި ގަވާއިދު ތެރޭގައި ތިބުމަށް އަބަދުވެސް ބާރުއަޅަން. އެގޮތަށް މިހާތަނަށްވެސް ދެތިން އެސޯސިއޭޝަނެއް ފިޔަވައި އެހެން ހުރިހާ އެސޯސިއޭޝަނަކުން މިދިޔަ އަހަރުގެ ކަންކަން ފާސްކޮށް، އަދި ނިންމަން ޖެހޭ އިންތިހާބުތައްވެސް ނިންމާފައިވަނީ. އެހެންނަމަވެސް އެ ހުށަހެޅުންތަކުން ފާހަގަކުރެވުނީ، ގިނަ އެސޯސިއޭޝަންތަކުން ގާނޫނު ލާޒިމުކުރާ އެއް ކަމެއް ނުކުރާކަން. އެއީ އަހަރީ އޮޑިޓް ކުރުން. ގާނޫނުން ލާޒިމުކުރޭ އަހަރަކު އެއްފަހަރު އޮޑިޓް ރިޕޯޓެއް ފާސްކޮށް، ހުށަހެޅުން. އެ އޮޑިޓް ކުރަން ޖެހެނީ ރާއްޖޭގެ އޮޑިޓާ ޖެނެރަލް ގަބޫލުކުރާ އޮޑިޓް ފާމަކުން،" ތޮލާލް ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ އެ މައްސަލަ ހައްލުކުރަން މިހާރުވެސް ދެ ގޮތަކަށް ވާހަކަ ދެކެވެމުންދާ ކަމަށެވެ. އެގޮތުން އެއް ގޮތަކީ މިނިސްޓްރީން އޮޑިޓް ފާމެއް ނަގައިގެން، އެސޯސިއޭޝަންތައް އޮޑިޓް ކުރުން ކަމަށެވެ. އަދި އަނެއް ގޮތަކީ އޮލިމްޕިކް ކޮމިޓީއާ ވާހަކަ ދައްކައިގެން އެ ކޮމިޓީން އެއް އޮޑިޓް ފާމަކުން އެސޯސިއޭޝަންތައް އޮޑިޓް ކުރަން އެހީތެރިވެދިނުން ކަމަށްވެސް ތޮލާލް ވިދާޅުވިއެވެ. ތޮލާލް ވިދާޅުވީ އެގޮތަށް އެހީތެރިވެދޭން ވިސްނީ، އޮޑިޓަށްވެސް ހަރަދު ހިނގާތީ ކަމަށެވެ.