ޚަބަރު

ހަތް ރަށެއްގެ ކުޅިވަރު މަޝްރޫއުތައް ހަވާލުކޮށްފި

ހަތް ރަށެއްގެ ކުޅިވަރު މަޝްރޫއުތައް ސަރުކާރުގެ ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ސްޕޯޓް މިނިސްޓްރީން މިއަދު ބުނީ، ބ. ދަރަވަންދޫ، ބ. ތުޅާދޫ އަދި ރ. މީދޫގެ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިނާއި ބެންޗުތައް ހޯދުމަށް ފެނަކަ ކޯޕަރޭޝަންއާ އެކު އެއްބސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ކުޅިވަރު މަޝްރޫއުތައް ކުރިއަށް ނުދާ ރަށްތައް ފާހަގަކޮށް އެކަމަށް އަވަސް ހައްލުތަކެއް ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން ފެނަކާއާ ހަވާލުކުރެވުނު މަޝްރޫއުތައް ދެވަނަ ކުއާޓާގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖައްސާފައިވާ ކަމަށެވެ.

ސްޕޯޓްސް މިނިސްޓްރީން ބުނީ، އދ. ހަންޏާމީދޫ އާއި އއ. މާޅޮހުގެ ފުޓްބޯޅަ ދަނޑު ތަރައްގީރުމާއި އއ. ތޮއްޑޫގެ އިންޑޯ ބެޑްމިންޓަން ކޯޓު ނިންމުމާއި ކ. ކާށިދޫގެ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިން ހޯދުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ހަވާލުކޮށްފއިވ ކަމަށެވެ.

ސްޕޯޓްސް މިނިސްޓްރީން އިތުރަށް ބުނީ، އެސްއޯއީތަކާ ހަވާލުކޮށްގެން ކުޅިވަރުގެ މަޝްރޫއުތައް ފުރިހަމަކުރުމަށް ރައީސް ވައުދުވެވަޑައިގެންނެވިތާ މަހެއްހާ ދުވަހުގެ ތެރޭގައި އެ މަޝްރޫއުތައް ހަވާލުކޮށްފައިވާ ކަމަށެވެ.