ޔުނައިޓެޑް ނޭޝަންސް (ޔޫއެން)، އދ.ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް ރާއްޖޭން ކޯ ސްޕޮންސާކޮށްފައިވާ ގަރާރު އދ.ގެ، އާންމު މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
އދ. އިން މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ "އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް"ގެ ނަމުގައި ގަރާރެއް ހުށަހަޅައިފައެވެ. ރާއްޖެއިން ކޯ ސްޕޯންސް ކޮށްފައިވަނީ ޔޫއޭއީގެ އެ ގަރާރެވެ.
އެ ގަރާރަށް މިރޭ ނެގި ވޯޓުގައި 143 ގައުމަކުން ވަނީ ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް ތާއީދުކޮށްފައެވެ. އެ ގަރާރާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓުދިން އިރު، އެއްވެސް ކޮޅަކަށް ވޯޓުދޭން 25 ގައުމަކުން ބޭނުމެއް ނުވިއެވެ.
ފަލަސްތީނަކީ މިހާރު އދ.ގެ 'އޮބްޒާވާ ސްޓޭޓަސް'ގެ ގައުމެކެވެ. ޔޫއޭއީ އިން ހުށަހެޅި ގަރާރުގައި ވަނީ ފަލަސްތީނަކީ އދ.ގެ މެމްބަރަކަށް ވުމަށް ޝަރުތު ހަމަވާ ގައުމެއް ކަމަށާއި އދ.ގެ ގައުމުތަކުގެ ބޮޑު ތާއީދެއް ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް އޮންނަ ކަމަށެވެ.
އދ. އިން މިއަދު ކުއްލި ބައްދަލުވުމެއް ބޭއްވީ ފަލަސްތީނުން އެ ޖަމިއްޔާގެ ފުރިހަމަ މެމްބަރަކަށް ވުމަށްޓަކައި އަލްޖީރިއާއިން އދ.ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރަށް އެމެރިކާއިން ދެކޮޅަށް ވޯޓުލައި އެކަން ހުއްޓުވާފައިވާތީއެވެ. ސެކިއުރިޓީ ކައުންސިލަށް އެ ކައުންސިލުގެ މަސްއޫލިއްޔަތު އަދާނުކުރުވޭ ހާލަތެއްގައި މެމްބަރު ގައުމުތަކުން ކުއްލި ބައްދަލުވުމަކަށް ގޮވާލަން ޖާގަ ދޭނެއެވެ.
އދ.ގެ ފުރިހަމަ މެމްބަރު ގައުމަކަށް ވުމާއެކު އދ.ގެ ހުރިހާ ބައްދަލުވުންތައް އަދި ބައިނަލްއަގުވާމީ ކޮންފަރަންސްތަކުގައި ފުރިހަމައަށް ބައިވެރިވުމުގެ ހައްގު ލިބިފައިވީ ނަމަވެސް، މިއަދުގެ ބައްދަލުވުމުގައި ފާސްކުރި ގަރާރުގައި ވޯޓުދިނުމުގެ ހައްގެއް ފަލަސްތީނަކަށް ލިބިގެންނެއް ނުވެއެވެ.