ދުނިޔެ

އަލިފާނުގެ ހާދިސާއެއް ހިނގުމުން އިމަޖެންސީގައި ޖެއްސި ފްލައިޓުން 13 މީހުން މަރުވެއްޖެ

މުހައްމަދު އައުޒަމް

ރަޝިޔާގެ ވެރިރަށް މޮސްކޯއިން ފުރައިގެން ރަޝިޔާގެ ހުޅަނގު އުތުރުގައި އޮންނަ މުރްމަންސްކް އަށް ދަތުރުކުރި އެއިރޯ ފްލައިޓްގައި އަލިފާން ރޯވުމުން އިންމަޖެންސީގައި ޖައްސައިފިއެވެ.

މިހާދިސާގައި 13 މީހުން މަރުވެފައިވާކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ. އަދި ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެއެވެ.

ހަތްދިހަ އަށް މީހުންނާއެކު ދަތުރުކުރި މިފްލައިޓު ނައްޓާލުމައެކު ކެބިންގައި މައްސަލައެއް އުޅޭކަމަށް ރިޕޯޓު ކުރުމާ ގުޅިގެން ފްލައިޓު އިމަޖެންސީގައި ޖައްސާފައިވަނީ ރަޝިޔާގެ ޝެރެމެޓްޔެވޯ އެއާޕޯޓަށެވެ.

ޝެރެމެޓްޔެވޯ އެއަރޕޯޓުގެ އޮފިޝަލުން ބުނީ ފްލައިޓު އިމަޖެންސީގައި ޖައްސަން އެންމެ ފުރަތަމަ ކުރިމަސައްކަތް ކާމިޔާބު ނުވި ކަމަށެވެ. އަދި ދެވަނަ ފަހަރަށް މަސައްކަތް ކޮށްގެން ފްލައިޓު ޖެއްސުނުއިރު ފްލައިޓުގައި އަލިފާން ރޯވެ ދުން އަރަން ފަށާފައިވާ ކަމަށެވެ.

ފްލައިޓު ޖެއްސުމަށްފަހު މީހުން ހުސްކުރުމުގެ މަސައްކަތް އެއާޕޯޓުގެ އިމަޖެންސީ ރެސްޕޮންސް ޓީމުން ވަނީ ވަގުތުން ފަށައިފައެެވެ. ރިޕޯޓުތައް ބުނާގޮތުގައި ފްލައިޓުގެ ޓެއިން އެއްކޮށް ވަނީ ރޯވެފަ އެވެ.

ބައެއް މީޑިއާ ރިޕޯޓުތަކުން ވަނީ ފްލައިޓުގައި ރޯވާން ދިމާވީ ހޮނުއެޅުމުގެ ސަބަބުން ކަމަށް ވެސް ބުނެފައެވެ.