މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ކުރިމަތިލައިފައިވާއިރު މިއަހަރުވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިފާ ރޯދައިގެ ދިގުމިން ތަފާތެވެ.
މިފަހަރުގެ ރޯދަ މަހުގައި އެންމެ ގިނައިރު ރޯދަ ހިފަންޖެހެނީ، ރަޝިޔާގެ ހުޅަނގު އުތުރުގައި އޮންނަ މުރްމަންސްކް ގައި ރޯދަހިފާ މީހުންނެވެ.
މުރްމަންސްކްގެ މުސްލިމުން ކޮންމެ ދުވަހަކު 20 ގަޑިއިރު ރޯދަހިފަން ޖެހެއެވެ. ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރުގައި މުރްމަންސްކް އަށް 24 ގަޑި އިރު އިރުގެ އަލިކަން ލިބެއެވެ. އެހެން ކަމުން އެގައުމުގައި ދިރިއުޅޭ މުސްލިމުން ރޯދަ ހިފަން ވެސް އަދި ރޯދަ ވީއްލަންވެސް ޖެހެނީ އިރުގެ އަލި ހުއްޓައެވެ.
މުރްމަންސްކްގެ މީހުން ރޯދަ ހިފަންޖެހޭ ވަގުތާމެދު ހިލާފު އުފެދިފައިވާއިރު، ދުބާއީގެ މުފްތީއަކު ވަނީ މިކަމަށް ހައްލެއް ހޯދައިދީފައެވެ. ދުބާއީގެ ދާރް އަލް އިފްތަރ ގެ އިސް މުފްތީ ބުނެފައިވާގޮތުން މުރްމަންސްކްގެ މުސްލިމުން ރޯދަ ހިފައި، އަދި ވީއްލާ ގަޑި ބަލަން ޖެހޭނީ ކައިރި ގައުމުތަކުގެ ގަޑި ތަކަށެވެ. އޭނާ ވަނީ ފަޖްރު އަދި މަގްރިބު ގަޑި ބަލަން ޖެހޭނީ އެންމެ ކައިރި ގައުމެއްގެ ގަޑި އަށް ކަމަށް ފަތުވާދީފައެވެ.
މުރްމަންސްކްގެ މުސްލިމުން 20 ގަޑިއިރު ރޯދަ ހިފަން ޖެހޭއިރު ދެން އެންމެ ގިނައިރު ރޯދައަށް ތިބެން ޖެހޭނީ އައިސްލޭންޑް މީހުންނެވެ. އައިސްލޭންޑް މީހުން 19 ގަޑިއިރު ރޯދަ އަށް ތިބެންޖެހެއެވެ.