މުހައްމަދު އައުޒަމް
ވިއެޓްނާމުގައި ކާނާ ވިހަވެގެން 500 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.
ދެކުނު ވިއެޓްނާމްގައި ހޯމަ ދުވަހު ވިއްކި ސޭންޑްވިޗެއް ކެއުމުގެ ސަބަބުން ކާނާ ވިހަވެ 500 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، އޭގެތެރެއިން 12 މީހެއްގެ ހާލު ދެރަ ކަމަށް އޮފިޝަލުން ބުނެއެވެ.
ހާލު ދެރަވެގެން ފަރުވާ ދެމުން އަންނަ 12 މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވަނީ އެ ސޭންޑްވިޗަކީ އެގައުމުގެ ޑޮންގްނައި ޕްރޮވިންސުގައި ހުންނަ ބޭކަރީ އަކުން ތައްޔާރު ކުރި ސޭންޑްވިޗެއް ކަމަށާއި މިހާރު އެ ބޭކަރީ ބަންދުކޮށް ތަހުގީގު ކުރަން ފަށާފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
މިހާތަނަށް ތަހުގީގުން ވަނީ އެ ބޭކަރީ ހިންގަމުން ދަނީ ސިއްހީ ރައްކާތެރިކަމުގެ ގަވާއިދާ ހިލާފަށް ކަމަށް ހާމަވެފައެވެ.
އޮފިޝަލުން ވަނީ އެ ދުވަހު އެބޭކަރީ އިން 1100 ސޭންޑްވިޗް ބާޒާރަށް ނެރެފައިވާ ކަމަށާއި އިތުރު މީހުން ބަލިވެފައިވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައެވެ.