ދުނިޔެ

މެކްސިކޯގައި ގެއްލުނު ތިން ފަތުރުވެރިން މަރުވެފައި އޮއްވައި ފެނިއްޖެ

މުހައްމަދު އައުޒަމް

މެކްސިކޯގައި ގެއްލުނު ތިން ފަތުރުވެރިން މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

މެކްސިކޯގެ އޮފިޝަލުން ވަނީ މަރުވެފައި އޮއްވައި ފެނިފައިވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެގައުމުގައި ގެއްލިގެން ހޯދަމުންދާ ތިން ފަތުރުވެރިން ކަމަށް ޔަގީން ވެފައިވާ ކަމަށް ބުނެފައެވެ.

ގެއްލިގެން ހޯދަމުންދިޔައީ އޮސްޓްރޭލިއާ ދެ ފަތުރުވެރިންގެ އިތުރުން އެމެރިކާގެ ފަތުރުވެރިއެކެވެ. އޮފިޝަލުން ވަނީ އެމީހުން ފެނުނު ސަރަހައްދާ 65 ކިލޯމީޓަރު ދުރުން އެ މީހުން ދުއްވި ކަމަށް ތަހުގީގަށް ހާމަވެފައިވާ ޓްރަކެއްވެސް ފެނިފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެޓްރަކް ވަނީ އަލިފާން ރޯވެ އަނދައިފައި ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

މެކްސިކޯގެ އޮފިޝަލުން ވަނީ އެ މީހުން ކުރިން ތިބި ސަރަހައްދުން އެމީހުން ބޭނުންކުރި ޓެންޓެއްގެ އިތުރުން މޯބައިލް ފޯނާއި ބައެއް އަންނައުނު ފެނިފައިވާ ކަމަށް ވެސް ބުނެފައެވެ.

އެތިން ފަތުރުވެރިންގެ އާއިލާގެ ފަރާތްތައް މެކްސިކޯއަށް ދަތުރުކުރަމުންދާ ކަމަށާއި އެ މައްސަލައިގެ ތަހުގީގު ކުރިޔަށްދާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ. އެމައްސަލައާ ގުޅުން ހުރި އެކަކު ހައްޔަރުކޮށް ސުވާލު ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލުން ހާމަކޮށްފައިވެއެވެ.