މުހައްމަދު އައުޒަމް
އިނގިރޭސިވިލާތުގެ ބްރިސްޓޮލް އެއާޕޯޓަށް ޖެހެމުންދިޔަ ގަދަ ވައިގެތެރޭގައި ރައްކާތެރިކަމާއެކު ފްލައިޓު ޖެއްސުމުން ޕައިލެޓަށް އެތައްބަޔަކު ތައުރީފު ކުރަންފަށައިފިއެވެ.
ތަޖުރިބާކާރު ޕައިލޮޓް ބްރެންޑާ ވަނީ ބްރިސްޓޮލް އެއާޕޯޓަށް ފްލައިޓް ޖައްސަން އައިވަގުތު މޫސުން ގޯސްވެ ވައިގަދަވުމުން ތަފާތު ގޮތަކަށް ފްލައިޓުޖައްސާފައެވެ. ގަދަވައިގައި ފްލައިޓު ޖެއްސުމަށް ޕައިލެޓުންނަށް އެމީހުންގެ ތަމްރީނުތަކުގައި ވެސް ދަސްކޮށްދެއެވެ.
ބްރެންޑާ ވެސް ވަނީ އޭނާއަށް ލިބިފައިވާ ތަޖުރިބާގެ އެހީގައި ފްލައިޓު ޖައްސައިފައެވެ. ރަންވޭއަށް ފްލައިޓު ޖައްސަން އައިސް ފްލައިޓު އެއްފަރާތަކަށް އަނބުރައިލުމަށްފަހު ވައިޖެހޭ ޖިމާއަށް ފްލައިޓުގެ ކުރި ސީދާވާގޮތަށް ރަންވޭއަށް ތިރި ކޮށްފައެވެ. އަދި ގްލައިޑް ކޮށްފައި ފްލައިޓްވަނީ ރައްކާތެރިކަމާ އެކު ޖައްސާފައެވެ. މިއީ ކޮންމެ ޕައިލެޓަކަށް ވެސް ލައިސަންސް ލިބުމުގެ ކުރިން ހަދާ ތަމްރީނުގައި ވެސް ދަސްކުރަން ޖެހޭ ކަމެކެވެ. ނަމަވެސް އަމަލީގޮތުން ތަޖުރިބާ ކޮށްލަން ވަރަށް މަދުން ނޫނީ ދިމާވާ ހާލަތެއްނޫނެވެ. މަންޒަރުދުށް މީހުން ބުނާގޮތުން ބްރެންޑާ ފްލައިޓު ޖެއްސިއިރު ވައިގަދަކަމުން ފްލައިޓުގެ ދެ ފިޔަ ގަދަޔަށް ތެޅެމުން ދިޔަ އެވެ.
ބްރެންޑާގެ ކުޅަދާނަ މަސައްކަތް ފާހަގަކޮށް ޓުއި އެއާލައިންސްއިން ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ބުނެފައި ވަނީ ބްރެންޑާ ގެ މޮޅު މަސައްކަތުން ހާމަވަނީ ޓުއީ އެއާލައިންސްގެ ޕައިލެޓުންގެ މޮޅުކަމާއި ލިބިފައި ހުރި ތަމްރީންގެ ބޭނުން ހިފާކަމުގެ ދަލީލެއްކަމަށެވެ. މި ބަޔާނުގައި ބްރެންޑާ އާ މެދު އެ އެއާލައިނުން ފަހުރުވެރިވާ ކަމަށް ވަނީ ބުނެފައެވެ.
ބްރެންޑާ ގެ މި ކުޅަދާނަ މަސައަކަތަށް ތައުރީފުކޮށް އެތައް ބަޔަކު އަންނަނީ މީސްމީޑިއާގައި ތައުރީފުގެ ޝުއޫރުތަށް ފާޅުކުރަމުންނެވެ.