ދުނިޔެ

އިސްރާއީލުން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ މާބަނޑުއަންހެނަކާއި ތުއްތު ކުއްޖަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ މާބަނޑު އަންހެނަކާއި ތުއްތު ކުއްޖަކު ޝަހީދުކޮށްލައިފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިއްޔެ އިސްރާއީލުން ފަލަސްތީނަށް ވައިގެން މަގުން ދިން ހަމަލާތަކުގައިވަނީ މާބަނޑު އަންހެނަކާއި އޭނާގެ އެއް އަހަރަށްދާ ދަރިފުޅު ޝަހީދުކޮށްލައިފައެވެ. މީގެ އިތުރުން އެ ހަމަލާގައިވަނީ 22 އަހަރުގެ ފިރިހެނެއްވެސް ޝަހީދުކޮށްލައިފައެވެ. ގާޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ މިހަމަލާތަކުގައި 13 މީހުން ޒަހަމްވެ ފަރުވާދެމުން އަންނަ ކަމަށެވެ.

އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި އިސްރާއީލުން ހަމަލާތައް ދޭން ފަށައިފައިމިވަނީ ހުކުރުދުވަހު އިސްލާމިކް ޖިހާދު ގުރޫޕުން އިސްރާއީލުގެ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އޭގެ ތެރެއިން ދެ މީހަކު ޒަހަމްވެފައިވަނިކޮށެވެ. އޭގެ ރައްދު ހަމަލާއެއްގެ ގޮތުން ހުކުރު ދުވަހު އިސްރާއީލުން ވަނީ ހަމަލާދީ ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ދެ މީހަކު ވެސް ޝަހީދުކޮށްލައިފައެވެ.