ދުނިޔެ

ކެތޭ ޕެސިފިކް ފްލައިޓުގައި ނުބައިކޮށް ނަން ޖެހުމުން ޖޯކުޖަހައިފި

މުހައްމަދު އައުޒަމް

ޗައިނާގެ ހޮންކޮންގަށް ނިސްބަތްވާ ކެތޭ ޕެސިފިކް އެއާލައިންގެ ފްލީޓްއާ އަލަށް ގުޅުނު ފްލައިޓު ކުންފުނީގެ ޑިޒައިނާ އެއްގޮތަށް ކުލަލުމަށްފަހު އެއާލައިންގެ ނަން ނުބައިކޮށް ޖެހުމުން މީސް މީޑިއާގައި އެތައް ބަޔަކު ޖޯކު ޖަހައިފިއެވެ.

ފްލައިޓުގައި ނުބައިކޮށް ނަން ޖަހާފައިވާކަން ފާހަގަކުރެވުނީ ހޮންކޮންގް އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަންގޮސް ހުރި ފަސިންޖަރަކަށެވެ. އޭނާ ވަނީ ވަގުތުން ކެތޭ ޕެސިފިކްގެ ސަމާލު ކަމަށް އެކަން ގެނެސްފައެވެ.

ކެތޭ ޕެސިފިކްއިން ވަނީ އެކަމާ ގުޅިގެން ސަމާސާ ޓުވީޓެއް ކޮށްފައެވެ. ކުންފުނީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި އެ ޓުވީޓުގައި ވަނީ ސަމާސާ ގޮތަކަށް އެކަން ފާހަގަކޮށްފައެވެ. އަދި އަލުން އަނބުރާ ކުލަލީ ފިހާރައަށް ފޮނުވާނެ ކަމަށް ބުނެފައެވެ.

އެކަމާ ގުޅިގެން މީސްމީޑިއާގައި އެތައް ބަޔަކު އެމީހުންގެ ޝުއޫރުތައް ދަނީ ފާޅުކުރަމުންނެވެ. ހާއްސަކޮށް ޓުވިޓާގައި ކެތޭ ޕެސިފިކްގެ ޓުވީޓު ރިޓުވީޓުކޮށް ޖޯކު ޖަހަމުންދެއެވެ.

މީސްމީޑިއާގައި ގިނަބަޔަކު ޖޯކުޖަހަމުން ދާއިރު ބައެއް މީހުންނަށް އެކަމަކީ މަޖާ ކަމަކަށް ނުވިއެވެ. އެމީހުން ވަނީ އެއީ ޕްރޮފެޝަނަލް އެއާލައިނަކުން ކުރެވިގެން ދާނެ ވަރުގެ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި އެއީ ކެތޭ ޕެސިފިކްގެ ސްޓޭންޑަޑް ދަށް ކަމުގެ ނިޝާނެއް ކަމުގައެވެ.