ސްވިމިން

އެމްއޯސީ އާއި ސްވިމިން އެސޯސިއޭޝަންގެ ރައީސް ސައްތާރު އޭޝިއާ އެކުއަޓިކްސް ބިއުރޯއަށް

ކުރީގެ އޭޝިއަން ސްވިމިން ފެޑަރޭޝަން، މިހާރުގެ އޭޝިއާ އެކުއަޓިކްސް ބިއުރޯއަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) އިންތިހާބުކޮށްފިއެވެ.

ސައްތާރު މަގާމަށް އިންތިހާބުވީ އިއްޔެ ތައިލެންޑްގެ ބެންކޮކްގައި ބޭއްވި އޭޝިއާ ސްވިމިންގެ އަހަރީ އާންމު ޖަލްސާގައެވެ. އެކުއަޓިކްސް ބިއުރޯގައި ޖުމުލަ 10 މެމްބަރުން ތިބެއެވެ. މިއީ އެ ބިއުރޯއިން ރާއްޖެއަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

ޖުމުލަ 45 ގައުމެއް އޭޝިއާ އެކުއަޓިކްސްގައި ހިމެނޭ އިރު، އެ ޖަމިއްޔާއަކީ އޭޝިއާގެ ފެތުމުގެ އެންމެހާ ކަންކަން ބަލަހައްޓާ ބެލެނިވެރި ފަރާތެވެ. ސައްތާރު އެ މަގާމަށް އިންތިހާބުވުމާ އެކު ރާއްޖޭގެ ސްވިމިން އެސޯސިއޭޝަނުން އޭނާއަށް މަރުހަބާ ކިޔާފައިވެއެވެ. އެސޯސިއޭޝަނުން އިއްޔެ ބުނީ ސައްތާރަށް އޭޝިއާ ސްވިމިންގެ އެންމެ މަތީ ފަންތީގައި މަސައްކަތް ކުރަން ލިބުމުން އެތުލީޓުންނަށް އެތައް ގޮތަކުން ފައިދާ ކުރާނެ ކަމަށެވެ.

އޭގެ އިތުރުން އެމްއޯސީންވެސް ސައްތާރަށް މަރުހަބާ ކިޔާފައިވާ އިރު، މިވަގުތު ސައްތާރަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ އޮގަނައިޒިން ކޮމިޓީގެ ނައިބުވެސް މެއެވެ.