ރާއްޖޭގެ ގައުމީ ފަތާ ޓީމުގައި ހިމެނޭ އައިޝަތު އުލްޔާ ޝާއިގާއި މިރާލް އައިން ލަތީފް، ގައުމީ ފެތުމުގެ ރެކޯޑުތަކެއް އާކޮށްފިއެވެ.
އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ޑެވަން ކައުންޓީ ޗެމްޕިއަންޝިޕްސްގައި މިރާލް މުގުރާލީ އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ރެކޯޑާއި އަންހެނުންގެ ޝޯޓް ކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑެވެ.
އަންހެނުންގެ ޝޯޓް ކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑު މިރާލް އާކުރީ ފަސް މިނެޓް، 49.59 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ އިވެންޓުގެ ރެކޯޑު ކުރިން އޮތީ އީން އައްބާސް ޝަރީފް އަތުގައެވެ. އެއީ 2022 ވަނަ އަހަރު ތައިލެންޑްގައި އޮތް މުބާރާތެއްގައި ވާދަކޮށް، ހަ މިނެޓް، 26.56 ސިކުންތުން ރޭސް ނިންމައިގެން އޭނާ ހަދާފައިވާ ރެކޯޑެކެވެ.
އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ރެކޯޑު މިރާލް މުގުރާލީ ދެ މިނެޓް، 45.93 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ރެކޯޑަކީ ކުރިން އަމްނާ ތަޒްކިޔާ މިރުޝާދު އަތުގައި އޮތް ރެކޯޑެކެވެ. އެ ރެކޯޑު ތަޒްކިޔާ ހަދާފައި ވަނީ މިދިޔަ އަހަރު ސްރީލަންކާގައި އޮތް އެގައުމުގެ ނޭޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕްގައި ދެ މިނެޓް، 49.55 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މިދިޔަ އަހަރު އޮލިމްޕިކްސްގައި ވާދަކުރި އުލްޔާ އޮސްޓްރޭލިއާގައި ކުރިއަށްދިޔަ އެސްޑަބްލިއުއޭ (ސްވިމިން ވެސްޓާން އޮސްޓްރޭލިއާ) ހެންކޮކް ޕްރޮސްޕެކްޓިންގް ސްޓޭޓް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް އާކުރީ އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑާއި އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑެވެ.
އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އުލްޔާ ހެދީ 34.18 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއީ ކުރިން 2023 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އައިޝަތު ސައުސަން ހަދާފައިވާ ރެކޯޑެކެވެ. އޭނާގެ ޓައިމިންއަކީ 34.32 ސިިކުންތެވެ.
އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑު އުލްޔާ އާކުރީ 28.64 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިން އުލްޔާ އަތުގައި އޮތް އެ ރެކޯޑަކީ މިދިޔަ އަހަރު ބޭއްވި 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި 29.29 ސިކުންތުން ރޭސް ނިންމައިގެން ހަދާފައިވާ ރެކޯޑެކެވެ.