އޯޝަން ސިކްސް ފިފްޓީ އިން ދުނިޔޭގެ ރެކޯޑެއް ހެދުމަށް ބާއްވާ "އެކްރޮސް މޯލްޑިވްސް" ޑައިވް ހަރަކާތުގެ އެކްސްކްލޫޒިވް ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.
އެ ޑައިވް ކުރުމަށް ތައްޔާރުވަމުން ދަނީ 2022 ވަނަ އަހަރު 50 ގަޑިއިރު ޑައިވްކޮށް، އޭޝިއާގެ އެންމެ ދިގު ސްކޫބާ ޑައިވްގެ ރެކޯޑް ހަދާފައިވާ ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރު ޝަފްރާޒް ނަސީމް އެވެ. އެ ހަރަކާތުގައި ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުން ފެށިގެން އެންމެ ދެކުނާ ހަމައަށް ފީނުމަށް ވަނީ ހަމަޖެހިފައެވެ.
"އެކްރޮސް މޯލްޑިވްސް"ގެ ހަރަކާތުގެ ތެރެއިން ދުނިޔޭގެ ދެ ރެކޯޑު ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.އެކަން ކުރަން ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހައިލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މަސައްކަތް ކުރާނީ ހުޅުމާލެއިން މާލެއަށް 14 ކިލޯމީޓަރުގެ ސަރަހައްދެއް ފީނައިގެން ރެކޯޑު ހެދުމަށެވެ. ދެވަނަ ރެކޯޑް ހެދުމަށް މަސައްކަތް ކުރާނީ ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީގެ ގަމާއި ހަމައަށް، 460 ކިލޯމީޓަރުގެ ސަރަހައްދެއްގައި ފީނައިގެންނެވެ.
މި ހަރަކާތުގެ މަގުސަދަކީ ރާއްޖޭގެ ކަނޑުގެ ރީތިކަން ދުނިޔެއަށް ދައްކާލައި، ރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވެފައިވާ ނުރައްކާތައް ދުނިޔޭގެ ސަމާލު ކަމަށް ގެނައުމެވެ. އަދި އެ ހަރަކާތުގެ އެހީގައި މޫސުމީ ބަދަލުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ކޮށްފައިވާ އަސަރުތައް ދެނެގަނެ، އެކަމުގެ މުހިންމު މައުލޫމާތުތައް އެއްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އެ ހަރަކާތާ ގުޅޭގޮތުން ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ދިރާގުން ކުރިއަށް ގެންދާ ސީއެސްއާރު ހަރަކާތްތަކުގެ ތެރެއިން "ކެއާ ފޯ ދި އޯޝަންސް"ގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމަށް އިސްކަން ދޭ ކަމަށެވެ
"ޝަފްރާޒް އާއި އޯޝަން ސިކްސް ފިފްޓީގެ ފަރާތުން މި ހިންގާ މުހިންމު ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ވުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. އަދި މި ހަރަކާތުގެ އެހީގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ހޭލުންތެރިކަން އިތުރުވެ، އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ކަނޑުތައް ރައްކާތެރިކުރުމަށް އިތުރު ހަރަކާތްތައް ހިންގުމަށް ބާރު އެޅިގެންދާނެ ކަމަށް އުންމީ ދުކުރަން. ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން މި ދަނީ، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މި ފަދަ މުހިންމު ހަރަކާތްތަކަށް ހިތްވަރުދީ، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ފޯރުކޮށްދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް،" މިރުޝާން ވިދާޅުވިއެވެ.
ދިރާގަކީ އަބަދުވެސް ތިމާވެށި ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ހައްލު ހޯދުމަށް ރާއްޖޭގައި ހިންގާ މި ފަދަ ހާއްސަ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ އަމަލީ ގޮތުން ބައިވެރިވަމުންދާ ކުންފުންޏެކެވެ.