ދުނިޔެ

އޮސްޓްރޭލިއާގެ ބީޗަކަށް ލެއްގި 130 ބޮޑުމަސް ސަލާމަތްކޮށްފި

މުހައްމަދު އައުޒަމް

އޮސްޓްރޭލިއާގެ ބީޗަކަށް ލެއްގި ގިނަ އަދަދެއްގެ ބޮޑުމަސް ސަލާމަތްކޮށްފިއެވެ.

ހުޅަނގު އޮސްޓްރޭލިއާގެ ޑަންސްބަރޯގެ ބީޗަށް އިއްޔެ 160 ބޮޑުމަސް ލެގި އިރު، އޭގެ ތެރެއިން 130 މަސް ސަލާމަތްކޮށް ކަނޑަށް ވަނީ ދޫކޮށްލައިފައެވެ. އަދި 28 ބޮޑުމަސް ވަނީ މަރުވެފައެވެ.

ބޮޑުމަސް ބީޗުތަކަށް ލައްގާތީ ކަނޑު ޖަނަވާރުތަކާ ބެހޭ ދިރާސާ ކުރާ ފަރާތްތަކުން ހެދި ދިރާސާއަކުން އެނގުނު ގޮތުގައި، އައިން އައިނުގައި ދަތުރުކުރާ ބޮޑުމަސްތައް އެއްގަމަށް ލައްގަނީ އެ ސޮރުމެންނަށް މަގުއޮޅި ނުވަތަ އެއަށް އެހެން އެއްޗެއްގެ ހަމަލާއެއް އައުމުން ދަތުރުކުރާ މަގު ބަދަލުކުރުމުންނެވެ.

ބީޗުތަކަށް ލައްގާ ބޮޑުމަސްތައް އާންމުގޮތެއްގައި އެންމެ ގިނައިރަށްވެސް ދިރިއޮންނަނީ ހަ ގަޑިއިރަށް ކަމަށާއި އޭގެ ފަހުން ފެން މަދުވެ އެ މަސްތައް މަރުވާ ކަމަށް ކަނޑުގެ ޖަނަވާރުތަކާ ބެހޭ ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.