މުހައްމަދު އައުޒަމް
ފްރާންސްގައި ހުންނަ އިރާނުގެ ކޮންސިއުލޭޓް ގޮއްވާލަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
އިއްޔެގެ ވަގުތެއްގައި އިރާނުގެ ކޮންސުލޭޓް އިމާރާތައް ގޮވާ ސާމާނާއެކު މީހަކު ވަދެފައިވާކަމުގެ ރިޕޯޓު ލިބުމާއެކު ފްރާންސްގެ ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްފައެވެ. އިރާނަށް އުފަން އެ މީހާ ހައްޔަރުކޮށް އޭނާއާ ގުޅުން ހުރި ތަންތަން ބަލާ ފަސްކުރި ނަމަވެސް އެއްވެސް ބާވަތެއްގެ ގޮވާތަކެެއްޗެއް އަދި ހަތިޔާރެއްވެސް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ފްރާންސްގެ ނޫހަކުން ރިޕޯޓް ކޮށްފައިވާ ގޮތުން، އިރާނުގެ ކޮންސިއުލޭޓަށް ވަން މީހާގެ އަތުގައި އޮތީ ފޭކު ބޮމެކެވެ. އަދި ކޮންސިއުލޭޓް ތެރޭގައި އިރާނުގެ ދިދަ ބިންމަތީގައި ދަމައި އޭނާގެ ބޭބެ މަރާލިކަމުގެ ބަދަލު ހިފާނެ ކަމަށް ގޮވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް ހައްޔަރުކުރި މީހާއަކީ މިދިޔަ އަހަރު އިރާނުގެ އެމްބަސީގެ ގޭޓު ރޯކޮށްލި ކަމުގެ ކުށުގައި ހައްޔަރުކުރި މީހެކެވެ. އެ މައްސަލައިގައި ކޯޓު އަޑުއެހުމެއް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.