އިންޑިއާގެ އާންމު އިންތިހާބުގައި ވޯޓުލާން ފަށައިފިއެވެ.
މިއީ ދުނިޔޭގެ އެންމެ ބޮޑު އިންތިހާބެވެ. މި އަހަރުގެ އިންތިހާބުގައި 960 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު މިލިއަނެއްހާ ވޯޓިން ސްޓޭޝަން ވަނީ ބަހައްޓައިފައެވެ.
އިންޑިއާގެ މި ފަހަރުގެ އާންމު އިންތިހާބުގެ ވާދަވެރިކަން ބޮޑުވެފައިވާ އިރު، އިތުރު ދައުރެއް އެ ގައުމުގެ ބޮޑުވަޒީރުކަން ކުރެއްވުމަށް ވާދަކުރައްވާ، މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި އިންތިހާބު ހަމަޖެހިލައިގެން ކާމިޔާބު ކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ.
މޯދީގެ ޕާޓީ، ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އާއި ކޯލިޝަން ޕާޓީތަކާ ގުޅިގެން އިންތިހާބަށް ނުކުމެފައިވާ އިރު، ބޮޑު ތަފާތަކުން ބީޖޭޕީއަށް އިންތިހާބު ކާމިޔާބުވާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
މޯދީއާ ދެކޮޅަށް ނުކުންނަ އެ ގައުމުގެ މައި އިދިކޮޅު ޕާޓީ ކޮންގްރެސް ޕާޓީއާ ގުޅިފައިވާ ކޯލިޝަނުންވެސް ވަނީ އިންތިހާބަށް ތައްޔާރުވެފައެވެ. ނަމަވެސް އެ ގައުމުގެ ސިޔާސީ މަޝްރަހުގައި ހުރި އުނދަގޫތަކުގެ ސަބަބުން އެ ކޯލިޝަނަށް އިންތިހާބަށް ދަތިތަކެއް ހުރިކަމަށް އޮފިޝަލުން ބުނެއެވެ.
އިންޑިއާގެ އާންމު އިންތިހާބު ވޯޓުލުން ނިމޭނީ އަންނަ މަހުގެ އެކެއްގައެވެ. ނަތީޖާ ފާޅުކުރަން ފަށާނީ އަންނަ މަހުގެ ހަތަރަކުން ފެށިގެންނެވެ.