ދުނިޔެ

އުތުރު ކޮރެއާއިން ކުރުރާސްތާ މިސައިލުތަކެއް ޓެސްޓުކޮށްފި

މުހައްމަދު އައުޒަމް

އުތުރު ކޮރެއާއިން ކުރުރާސްތާ މިސައިލުތަކެއް ޓެސްޓުކޮށްފިއެވެ.

އުތުރު ކޮރެއާގެ އިރުމަތީ ހޯޑޯ ޕްރޮވިންސްގައި ކުރުރާސްތާ މިސައިލުތައް ޓެސްޓުކޮށްފައިވާއިރު މިއީ 2017 ވަނަ އަހަރުގެ ނޮވެމްބަރުގެ ފަހުން ޓެސްޓުތައް މެދުކަނޑައިލުމަށްފަހު އެގައުމުގައި ޓެސްޓު ކުރި ފުރަތަމަ މިސައިލުތައް ކަމަށް ހަބަރުތަކުން ބުނެއެވެ.

ކޮރެއާގެ އޮފިޝަލުންނާ ހަވާލާދީ ނޯތް ކޮރެއާ ނިއުސް އެޖެންސީން ބުނީ މި މިސައިލަކީ އެންމެ ފަހުގެ 'ޓެކްޓިކަލް ގައިޑެޑް ވެޕަން'އެއް ކަމަށެވެ. ހޯޑޯ ޕްރޮވިންސްގައި ޓެސްޓުކުރި މިސައިލުތައް އުދުއްސާލި މަންޒަރު އެގައުމުގެ ލީޑަރު ކިމް ޖުންގ އުން ވަނީ ބައްލަވައިލައްވައިފައެވެ.

މީގެކުރިން އުތުރު ކޮރެއާއިން ވަނީ ދިގުރާސްތާ މިސައިލު އަދި ނިއުކްލިއާ މިސައިލު ޓެސްޓު ނުކުރާނެ ކަމަށް ވައުދުވެފައެވެ. އަދި މިފަހަރު ޓެސްޓުކުރި ކުރުރާސްތާ މިސައިލުތަކުގެ ސަބަބުން އެވައުދުތަކާ ހިލާފު ވީކަމަށް ނުބެލެވޭނެކަމަށް އެގައުމުން ބުނެއެވެ.

އުތުރު ކޮރެއާއިން މިޓެސްޓު ކުރި މިސައިލުތަކާބެހޭ ހުރިހާ މައުލޫމާތެއް ލިބިފައިވާ ކަމަށް ބުނެ އެމެރިކާއިން ވަނީ އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެެވެ.