މުހައްމަދު އައުޒަމް
މޫސުން ގޯސްވެ ފެންބޮޑުވުމުގެ ސަބަބުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ދުބާއީގެ ސަރުކާރުން އަންގައިފިއެވެ.
އިއްޔެއިން ފެށިގެން އަރަބި ގައުމުތައް ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ތޫފާނުގެ ބާރު ގަދަވެ ދުބާއީއަށް ކުއްލިޔަކަށް މޫސުން ގޯސްވެ ވިދާ ގުގުރުމުގެ އިތުރުން ބޯކޮށް ވާރޭވެހި އެސިޓީގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ.
ވިއްސާރައިގެ ސަބަބުން އާންމު ދިރިއުޅުމަށް އަސަރުކުރުމާ އެކު ދުބާއީ ސަރުކާރުން ވަނީ މާދަމާއަކީ އެސިޓީގެ މަސައްކަތްކުރާ ފަރާތްތަކުން ގޭގައި ތިބެގެން މަސައްކަތް ކުރާ ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އެގޮތުން ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރާ ފަރާތްތަކުން ވެސް މިގޮތައް އަމަލު ކުރުމަށް ސަރުކާރުން ވަނީ އަންގައިފައެވެ.
ދުބާއީ ސަރުކާރުން ވަނީ އެސިޓީގެ ސްކޫލުތައްވެސް ބަންދުކޮށް ގޭގައި ތިބެގެން ކިޔެވުމުގެ އިންތިޒާމު ހަމަޖެއްސުމަށް އަންގައިފައެވެ. އެގޮތުން އަމިއްލަ ސްކޫލުތަކުންވެސް އެގޮތައް އަމަލު ކުރުމަށް ސަރުކާރުން ވަނީ އަންގައިފައެވެ.
ދުބާއީއަށް މިއަދު 100 މިލިމީޓަރަށް ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކޮށްފައިވާ ކަމަށް އެސިޓީގެ މޫސުމާބެހޭ އިދާރާއިން ބުނެއެވެ. މިއީ އާންމުކޮށް އެއް އަހަރު ދުވަސްތެރޭ އެސިޓީއަށް ވެހޭ ވާރޭގެ ޖުމްލަ އަދަދު ކަމަށެވެ.