ދުނިޔެ

ލަންކާގައި މަސްތުވެ ހުރެ ވެހިކަލް ދުއްވާ މީހުން ހޯދާ ފުލުހުންނަށް ފައިސާގެ އިނާމު ދެނީ

މުހައްމަދު އައުޒަމް

ލަންކާގައި މަސްތުވެ ހުރެ ވެހިކަލް ދުއްވާ މީހުން ހޯދާ ފުލުހުންނަށް ފައިސާގެ އިނާމު ދިނުމަށް ނިންމައިފިއެވެެ.

ލަންކާގެ ފުލުހުންގެ ތަރުޖަމާނު ނިހާލް ތަލްޑުވާ ވަނީ އެގައުމުގައި ވެހިކަލް ދުއްވާ މީހުންގެ ތެރެއިން މަސްތުގެ ހާލުގައި ހުރެ ވެހިކަލް ދުވައިގެން ހައްޔަރުކުރާ ފުލުހުންނަށް 5000 ރުޕީސްގެ އިނާމެއް ދިނުމަށް ނިންމާފައިވާކަން ހާމަކުރައްވައިފައެވެ.

ނިހާލް ވަނީ މިއީ އެގައުމުގެ ފުލުހުންނަށް ޑިއުޓީގައި ކުރާ މަސައްކަތް ބަލައިގަންނަކަން ހާމަކޮށް ފުލުހުންގެ މަސައްކަތް ފާހަގަކުރުމަށް ދޭން ނިންމި އިނާމެއް ކަމަށް ވިދާޅުވެފައެވެ.

ލަންކާއިން ދާދިފަހުން ވަނީ އެގައުމުގައި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތައް ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފަށައިފައެވެ. އެގޮތުން އެއޮޕަރޭޝަނަށް ބޭނުންވާ މަސްތުވެގެން ހުރިތޯ ބެލުމަށް ބޭނުންކުރާ ޓެސްޓު ކިޓުގެ 150،000 ކިޓު، ފުލުހުންނާ ހަވާލުކޮށްފައިވެއެވެ.