މުހައްމަދު އައުޒަމް
ގްރީސްގައި މީގެ 100 އަހަރު ކުރިން ބަންދު ކުރި މިސްކިތެއް އަލުން ހުޅުވައިފިއެވެ.
ގްރީސްގެ އިރުމަތީގައި އޮންނަ ތެސާލޮނިކީ ސިޓީގައި ބުދަ ދުވަހު އެ މިސްކިތް ހުޅުވާލާފައި ވަނީ އީދު ނަމާދުން ފެށިގެންނެވެ.
ޔެނީ މިސްކިތް ނަމަކަށް ކިޔާ އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އެސިޓީގައި ދިރިއުޅޭ މުސްލިމް އާއިލާތައް ވަނީ އެ މިސްކިތުގައި ނަމާދު ކުރަން ފަށައިފައެވެ. އޮފިޝަލުން ވަނީ އީދު ނަމާދުގައި 100 އަށަވުރެން ގިނަ މީހުން ބައިވެރިވި ކަމަށް ބުނެފައެެވެ.
ނަވާރަސްތޭބަ ވިހި ވަނަ އަހަރު އެ މިސްކިތް ބަންދުކޮށްފައި ވަނީ އެ އަހަރު ގްރީސް އަށް އެތެރެވި ގިނަ އަދަދެއްގެ ރެފިއުޖީންނަށް ވަގުތީ ހިޔާއެއްގެ ގޮތުގައި ހަމަޖެއްސުމަށެވެ. އޭގެފަހުން އެ މިސްކިތް ވަނީ ކުތުބުހާނާއަކަށްވެސް ބަދަލުކޮށްފައެވެ.
އީދު ދުވަހު އީދު ނަމާދަށް އެ މިސްކިތް ހުޅުވި ރަސްމިއްޔާތު ކުރިޔަށް ދިޔަވަގުތު ގްރީސްގެ ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށް ސަލާމަތީ ކަންކަން ވަރުގަދަކޮށް، ބަލަހައްޓައިފައެވެ.