މުހައްމަދު އައުޒަމް
ސައުތުވެސްޓް އެއާލައިންސްގެ ފުލައިޓެއް ވައިގެތެރޭ އިންޖީނުގެ ކަވަރު ނެއްޓުމާއެކު އިމަޖެންސީގައި ޖައްސައިފިއެވެ.
އެމެރިކާގެ ޑެންވާ އިން ހިއޮސްޓަންއަށް ދަތުރު ކުރި ސައުތުވެސްޓް އެއާލައިންސްގެ ބޮއިން 737-800 މަރުކާގެ ފުލައިޓު ވައިގެތެރޭގައި އޭގެ އެއް އިންޖީނުގެ ކަވަރު ނެއްޓުމާއެކު ވަނީ އިމަޖެންސީގައި ޑެންވާ އެއާޕޯޓަށް ޖައްސައިފައެވެ.
އެމެރިކާގެ ވައިގެ ދަތުރުފަތުރާ ބެހޭ މައި އިދާރާ، ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ބުނީ އެ ހާދިސާގައި ފުލައިޓުގެ އިންޖީނުގެ ކަވަރު ނެއްޓިގެން ގޮސް ފިޔަގަނޑުގައި ތާށިވެފައިވާ ކަމަށެވެ.
ހާދިސާގެ ތަހުގީގު އެފްއޭއޭ އިން ފަށާފައިވާ އިރު، ފުލައިޓުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބަލަން ޖެހޭ ކަންކަން ބަލާފައި ހުރިތޯ ބެލުމަށް ބައެއް ފަރާތްތަކާ ސުވާލުކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ސައުތުވެސްޓް އެއާލައިންސް އިން ބުނީ ފުލައިޓު އިމަޖެންސީގައި ޖެއްސި ނަމަވެސް، އެއްވެސް ފަސިންޖަރަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. އަދި އެމީހުން އެހެން ފުލައިޓެއްގައި ހިއޮސްޓަންއަށް ފަސިންޖަރުން ފޮނުވާނެ ކަމަށް އެއާލައިނުން ބުންޏެވެ.
ސައުތުވެސްޓް އެއާލައިންސް އިން ނެރެފައިވާ ބަޔާނުގައި ވަނީ އެ އެއާލައިނުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭނީ ފަސިންޖަރުންގެ ސަލާމަތީ ކަންކަމަށް ކަމަށާއި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.