މުހައްމަދު އައުޒަމް
ނުބައިވަސް ދުވާ ގަހެއްގެ ސަބަބުން އެރިޒޯނާގެ ފަތުރުވެރިކަމަށް މަޝްހޫރު ސަރަހައްދެއް ބަންދު ކޮށްފިއެވެ.
އެމެރިކާގެ އެރިޒޯނާގައި ހުންނަ ފަތުރުވެރިންގެ މެދުގައި މަގުބޫލު ޕިކުނިކް ސަރަހައްދު ބަންދުކޮށްފައިވަނީ މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ކަމަށް އޮފިޝަލުން ބުނެއެވެ.
ކަމާބެހޭ އިިދާރާތަކުން ބުދަ ދުވަހު ބަންދުކުރި ސަރަހައްދަކީ އާންމުކޮށް ނުފެންނަ ބާވަތެއްގެ ގަހެއް ހެދިފައިހުންނަ ސަރަހައްދެއް ކަމަށް އޮފިޝަލުން ބުނެއެވެ. އަދި މިމަހު އެގަހުގައި މާ އަޅައި މާތަށް ފޮޅެން ފެށުމާ އެކު މުޅި ސަރަހައްދު ނުބައި ވަހަކުން ތަގައްޔަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ޔުނިވާސިޓީ އޮފް އެރިޒޯނާގެ ސައިންޓިސްޓުންގެ ޓީމަކުން ވަނީ އެގައުގައި އަޅާމަލުގައި ހުންނަ ވަހުގެ ސަބަބުން ސިއްހީ މައްސަލަތަކެއް ވެސް ކުރިމަތިވެދާނެ ކަމަށް ބުނެފައެވެ. އެގޮތުން ނޭވާލުމުގެ ނިޒާމަށް މައްސަލަ ޖެހުމާއި ހަންގަނޑުގެ މައްސަލަތައް ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމަށް އެޓީމުން ބުނެއެވެ.
އޮފިޝަލުން ވަނީ އެސަރަހައްދުގައި ހުންނަނީ ވަރަށް ބާރުގަދަ ކެމިކަލެއްގެ ވަސް ކަމަށް ބުނެފައެވެ. އެވަސް އެންމެ ގާތް ކުރަނީ ނެއިލް ޕޮލިޝް ރިމޫވާ ނުވަތަ ރަބަރު އަންދާ ވަހެއް ކަމަށް ބުނެފައެވެ.
މިމަސް ނިމެންދެން ބަންދު ކުރި ނަމަވެސް އެސަރަހައްދު އަންނަ މަހު ހުޅުވުމާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.