ޕީޕަލްސް ނެޝަނަލް ކޮންގްރެސް

ވަޒީފާ އިތުރު ކުރުމަށް ވޭތުވެދިޔަ ފަސްމަސްދުވަހު ސަރުކާރުން އެއްވެސް ކަމެއް ކޮށްފައެއް ނެތް : ޕީއެންސީ

އަލީ އިހްސާން

ސަރުކާރުގެ ރިޔާސީ ވައުދާ އެއްގޮތަށް ވަޒީފާ އިތުރު ކުރުމަށް ވޭތުވެދިޔަ ފަސް މަސްދުވަހުގެ ތެރޭގައި، އެއްވެސް ކަމެއްކޮށްނެތްކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.

މިއަދު ފާހަގަ ކުރަމުންގެންދާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ޕީއެންސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު ދިވެހިރާއްޖޭގޭ މަސައްކަތްތެރިންގެ ހާލަތާމެދު ނިހާޔަތަށް ކަންބޮޑުވާކަމަށާއި، މިސަރުކާރުން ވެރިކަމާ ހަވާކުވުމަށްފަހު އެތަސް ބަޔަކު ވަކިކުރަމުން ގޮސްފައިވާ ކަމުގައެވެ. އަދި ސިޔާސީ މަގްސަދެއްގައި އެކިއެކި ފަރާތްތަކަަށް ވަޒީފާއިން ކަނޑާލާނެކަމަށްބުނެ، ހިންގަމުންގެންދާ ބިރުދެއްކުމުގެ އަމަލުތައް ޕީއެންސީއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގައެވެ.

ވަޒީފާ އަދާކުރާ މީހުންގެ ހައްގުތައް ރައްކާތެރިކޮށް ހަމަހަމަކަމާއި އިންސާފުން ގާނޫނީ ތަރަހައިގެ ތެރެއިން ހުރިހާ ފަރާތްކަމާމެދު އަމަލުކުރުމަށް ޕީއެންސީއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ. ޕީއެންސީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށް ވޭތުވެދިޔަ ފަސްމަސް ދުވަހުގެ ތެރޭގައި އެއްވެސް މަސައްކަތްތަކެއް ކޮށްފައި ނުވާކަމުގައެވެ. އަދި ވަޒީފާނެތުމުގެ ސަބަބުން ރައްޔިތުންގެ ހާލަތު ބިކަވެ، މުޖުތަމައުގައި އުފެދޭ މައްސަލަތަށް އިތުރުވެ، ރައްޔިތުންނަަށް އޭގެ ހިތްދަތިކަމާއި ނުތަނަވަސްކަމާ ކުރިމަތިލާން ޖެހުމަކީ މިއަދުގެ ހާލަތުގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޕީއެންސީއިން ބުނެފައިވެއެވެ.

މީގެ އިތުރުން ޕީއެންސީއިން ބުނެފައިވަނީ ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖްލީހުގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން ވީހާވެސް އަވަހަކަށް މިފަދަ ކަންތައްތައް ހައްލުކޮށް ދިނުމަށް ގޮވާލާކަމަށާއި، އަދި މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް އެފަރާތްތަށް ލިބެންވީ ހައްގު މިންވަރު ލިބިގަތުމަށްޓަކައި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ޒިންމާ އުފުލާނެ ކަމުގެ ޔަގީންކަންކަން އަރުވާކަމުގައި ބުނެފައިވެއެވެ.