އިބްރާހިމް ޒަކީ
އަދުލުއިންސާފުގެ ބާރުގެ މިނިވަންކަން ނަގާލައި، އިންސާފާހަމައަށް ވާސިލުވުމަށް ރައްޔިތުންނަށް އިތުރު ބުރަތައް ކުރިމަތިވާ ގޮތަށް، ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ސަރުކާރަށާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މުއައްސަސާތައް ބޭނުންކޮށްގެން އަދުލުއިންސާފު ގާއިމް ކުރުމުގެ އެންމެ އިސް ފަރާތް ކަމަށްވާ، ސުޕްރީމް ކޯޓަށް ސަރުކާރުން ބާރުފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ، އިދިކޮޅު އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ.
އޭނާ ވިދާޅުވީ، އަދުލުއިންސާފު ގާއިމް ކުރުމުގެ އެންމެ އިސް ފަރާތް ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާގައިވާ ސުޕްރީމް ކޯޓަކީ، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއް އަދި ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ވިޔަސް، ގާނޫނުއަސާސީއާ ހިލާފުނަމަ، އެ ހިލާފުވާ މިންވަރު ބާތިލު ކުރުމުގެ ބާރު ގާނޫނުއަސާސީން ލިބިދީފައިވާ ބާރު ކަމަށެވެ.
ނަމަވެސް މަޖިލިސް މެންބަރުންގެ ގޮނޑިގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓުން ބެލުމަށް ނިންމާފައި ވަނިކޮށް، އެ ކޯޓުގެ ފަނޑިޔާރުންނަށް ބިރުދެއްކުމާއި ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުމުގެ ގޮތުން، ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން ނިންމައި، ފަނޑިޔާރުންގެ އަދަދު މަދުކޮށް، ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން މަގާމަށް ގާބިލް ނޫން ކަމަށް ކަނޑައެޅޭ ގޮތަށް ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މިދިޔަ މަހުގެ 25 ވަނަ ދުވަހު، އެ ދުވަހުން އެ ދުވަހަށް ފާސްކޮށްފައިވަނީ، އޭގެ ފަހު ދުވަސް 26 ވަނަ ދުވަހަށް އެ މައްސަލައިގެ އަޑުއެހުމެއް ތާވަލްކޮށްފައިވަނިކޮށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަަމަށްވާ، ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ހުސްވި މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑް ކުރީ އެ މައްސަލަ ހިނގުން ހުއްޓުވައި އެ މައްސަލަ ބެލުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެފަދަ ގޮނޑި ގެއްލުމުގެ މައްސަލަތަކަކީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެއްޗަށް ނޫނީ ނުބެލޭނެ މައްސަލަތަކަކަށްވާ އިރު، ތިން ފަނޑިޔާރުން އެކަހެރި ކުރުމަކީ މައްސަލައަށް ނުފޫޒު ފޯރުވުމަށް ކުރި ކަމެއް ކަމަށާއި އެކަމާ ގުޅިގެން އެބާވަތުގެ އެއްވެސް މައްސަލައެއް ކުރިއަށް ގެންދެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.
"ގާނޫނުއަސާސީގެ ބާރު ކެނޑިދާގޮތަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކާ ހިލާފަށް އަދި ޖޭއެސްސީގެ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުތައް އެއްފަރާތްކޮށް، ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާ އިރު، އަދި ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމެއް ބާތިލްވާނެ ކަމަށް ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވީ ހިނދު، ގާނޫނުއަސާސީގެ ދަށުން މިނިވަން ބާރެއްގެ ގޮތުގައި ގާއިމްކޮށްފައިވާ އަދުލުއިންސާފު ގާއިމްކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ފަނޑިޔާރުންގެ މަސައްކަތަށް ހުރަސް އަޅައި، ސުޕްރީމްކޯޓުގެ ހިންގުން ހުއްޓުވުމަކީ، ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ދެކެން،"
މި ކުއްލި މައްސަލައަށް ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 61 މެންބަރުންގެ ތެރެއިން ފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 11 މެންބަރުންނެވެ. ބަހުސްކުރަން ނުފެންނަ ކަމަށް ޕީއެންސީގެ 46 މެންބަރުން ވޯޓު ދެއްވިއެވެ.