އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުގައި އަމަލުކުރެއްވި ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުުގައިވެސް ގެންގުޅުއްވީ އެ މަގާމަށް ވަޑައިގަތުމުގެ ކުރިންވެސް ގެންގުޅުއްވި ސިޔާސީ އެކްޓިވިޒަމްގެ އުސޫލުތައްކަން ސާފުވެއްޖެ ކަމަށް ވެރިކަންކުރާ ޕީއެންސީން ބުނެފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑްކޮށްފައި ވަނިކޮށް، ސުއޫދު އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ނަމަވެސް އޭނާގެ އިސްތިއުފާގެ ސިޓީ ފުރަތަމަ ފޮނުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށެވެ. އެ ސިޓީގައި، މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން ބަލަމުންދަނިކޮށް ބެންޗުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމާއި، ދެ ފަނޑިޔާރުން މަދު ކުރަންޖެހޭގޮތަށް ގާނޫނު އިސްލާހުކުރުމަކީ އެ މައްސަލަ ހުއްޓުވުމަށް ފަނޑިޔާރުންނަށް ބިރުދައްކައި ނުފޫޒު ފޯރުުވުމުގެ އަމަލެއްގެ ގޮތުގަައި ވަނީ ސިފަކޮށްފައެވެ.
އެކަމާ ގުޅިގެން ޕީއެންސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، ރާއްޖޭގައި ގާއިމުވެފައި އޮތް ދުސްތޫރީ ނިޒާމުގައި ހިމެނޭ ޝަރުއީ ބާރަކީ ސިޔާސީ ކަންކަމާ ދުރުން، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، އަދުލު އިންސާފު ގާއިމުކޮށްދިނުމުގެ ޒިންމާއާ ހަވާލުވެފައިވާ ބާރުކަމަށްވާ އިރު، އެ ބާރަށް އޮންނަ އިތުބާރުގެ އެއް އަސާސަކީ ސިޔާސީ ކަންކަމުގެ ތެރެއަށް ޝަރުއީ ބާރުން ނުވަނުން ކަމަށެވެ.
ފަނޑިޔާރުކަމުގެ މަގާމުގައިވެސް އަދި މަގާމުން ވަކިވެވަޑައިގަތުމުގައިވެސް ފަނޑިޔާރުން ސިޔާސީ ވިސްނުމާއި އެކްޓިވިޒަމްގެ އުސޫލު އިސްކުރުމަކީ ގާނޫނީ ނިޒާމުތައް ދަންނަ ކަމެއް ނޫން ކަމަށާއި، އެއީ މުޅި ޖުޑީޝަރީގެ އިތުބާރު ގެއްލި ޝަރުއީ ދާއިރާ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަނުމަށް ހިތްވަރު ލިބޭ ފަދަ މައްސަލައެއް ކަމަށްވެސް ބުނެފައިވެއެވެ.
"ސުއޫދު އިސްތިއުފާދިނުމުގައި އަމަލު ކުރެއްވިގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުުގައިވެސް ގެންގުޅުއްވީ އެ މަގާމަށް ވަޑައިގަތުމުގެކުރިންވެސް ގެންގުޅުއްވި ސިޔާސީ އެކްޓިވިޒަމްގެ އުސޫލުތައްކަން ސާފުވެއްޖެއެވެ. އަދި އިސްތިއުފާ ދެއްވުމަށް ކަމަށްބުނެ ގާނޫނުގައި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކަމަށް ބަޔާންކުރާ އިސްތިއުފާގެ ސިޓީ އެ ކޮމިޝަނަށް ހުށަހެޅުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަަޅާފައިވަނީ އެ ވަގުތުވެސް ރައީސްގެ އިސްތަށިފުޅުގައި އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް އެޅުވުމަށްޓަކައިކަން، ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަންނަވައިގެން ހުންނެވިކަމުގެ ދަލީލެއް،" އެ ބަޔާނުގައިވެއެވެ.
ފަނޑިޔާރު ސުއޫދާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާ މެދު އަމަލު ކުރަމުންދަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި އެކަށައަޅާފައިވާ އޮނިގަނޑުގައި ބަޔާންކުރާ އުސޫލުތަކުގެ ތެރެއިން ކަމަށާއި، ފަނޑިޔާރަކާ މެދު ޖިނާއީ ތަހުގީގެއް ފެށުމުން އެ ފަނޑިޔާރަކު ވަގުތީގޮތުން މަސައްކަތުން ދުރުކުރުމާ މެދު ގޮތެއް ކަނޑައެޅުމަކީ މަޖިލީހުން ޖޭއެސްސީގެ ގާނޫނަށް ގެނައި ދެވަނަ އިސްލާހުގައި ބަޔާންކުރާ އިޖުރާއަތެއް ކަމަށްވެސް ބުނެފައިވެއެވެ.
"މިކަންކަމަކީ ވަކި ކޯޓެއްގެ ވަކި ފަނޑިޔާރަކަށްވީތީ ނުވަތަ ވަކި މައްސަލައެއް ކޯޓެއްގައި ފައިސަލާ ކުރަމުންދާތީ ހުއްޓެންޖެހޭ ކަންތައްތަކެއް ނޫން، މިއީ ދުސްތޫރީ ގާނޫނީ ނިޒާމު ހަރުދަނާގޮތުގައި ހިނގާނަމަ، އެކަމެއް ފެންމަތިވުމާއެކު ހިނގަމުންދާންޖެހޭ ކަންކަން، މައްސަލަތައް ހުށަހެޅުމުން މައްސަލަތައް ބެލުމަކީ އެ ކޮމިޝަންގެ މައްޗަށް އޮތް ގާނޫނީ ޒިންމާއެއް،"
ޕީއެންސީގެ ބަޔާނުގައި ބުނެފައިވަނީ، މިނިވަން މުއައްސަސާތަކަށް މަތިކޮށްފައިވާ ދުއްތޫރީ އަދި ގާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތު ރައީސް މުއިއްޒު ދެއްވާފައިވާ ކަމަށެވެ. އަދި އެފަދަ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާއެއް އަދާކުރުމަކީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނޫން ކަމަށާއި، އެއީ ދުސްތޫރީ، ގާނޫނީ ނިޒާމު ހިންގަންޖެހޭ ގޮތަށް ރަނގަޅަށް ހިނގަމުން ދިއުން ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ގާނޫނުއަސާސީ އާއި ގާނޫނުތައް ނެގެހެއްޓުމާއި، މި ނިޒާމު ހިނގަންޖެހޭގޮތަށް ހިނގަމުންދާކަން ކަށަވަރުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވަމުންދާ ނަމޫނާއަށް މަރުހަބާ ދަންނަވައި ޝުކުރު އަދާކުރާ ކަމަށްވެސް ރައީސް މުއިއްޒުގެ އަމިއްލަ ޕާޓީން ނެރުނު ބަޔާނުގައިވެއެވެ.