ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ އިންތިހާބީ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ރޭ ޗެނަލް 13އިން ގެނެސްދިން ނިއުސްޓޯކު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ވަރަށް ކުރިންސުރެ ތިބޭ ކަމަށާއި ނަމަވެސް މިހާރު އިންޑިއާ ސިފައިން ތިބޭ އަދަދު ސަރުކާރުން އިތުރުކުރަމުންދާ ކަމަށެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ގާނޫނު ހުއްދަ ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފު ވިދާޅުވި ގޮތުގައި ގައުމެއްގެ ވެރިކަން ދަމަހައްޓަން މައިގަނޑު ތިން ކަމެއް ބޭނުންވާނެއެވެ. އެގޮތުން އެންމެ މުހިންމު އެއް ކަމަކީ އެގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުން ކަމަށާއި މިނިވަން ކަމާއި އިސްތިގުލާލު ނެތް ކަމަށް ވާނަމަ އެއީ ފުރިހަމަ ގައުމަކަށް ނުވާނެ ކަމަށެވެ.
އަދި އެބަޔަކު ގަބޫލުކުރާ ދީނަކާއި އެބަޔަކު ގަބޫލުކުރާ އުސޫލުތަކަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި އަދި އެގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ބޭނުންވާ ވަސީލަތްތަކަކީ ވެސް ވަރަށް މުހިންމު އެއްޗަކަށް ވާނެ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ގައުމުގެ މިިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކުރުމަށް ކޮންމެ ސަރުކާރަކުންވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށާއި ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހިން ކަންބޮޑުވާ ކަމެއް ކަމަށް އާދަމް ޝަރިފު ވިދާޅުވިއެވެ.
އާދަމް ޝަރީފު ވިދާޅުވީ ބޭރުގެ ގައުމުތަކާއި ކޮންމެ ސަރުކާރަކުންވެސް ގުޅުން ބަދަހިކުރާނެ ކަމަށާއި ނަމަވެސް ކޯލިޝަން ސަރުކާރުން ކަންތައްތައް ކުރަމުންދަނީ ވަރަށް ތަފާތު ގޮތަކަށް ކަމަށެވެ.
އާދަމް ޝަރީފު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންގެ ނިންމުމުގެ މަތިން ކަމަށާއި ސަރުކާރުން ކަންތައްތައް ކުރަނީ ރައްޔިތުންގެ ނިންނި ނިންމުމާއެކުގައި ކަމަށެވެ.
އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ ކަންބޮޑުވަނީ ބައެއް ރައްޔިތުން ކަމަށާއި އިންޑިއާ ސިފައިން ތިބޭ އަދަދު ގިނަވަނީ ރައްޔިތުންގެ ތެރެއިން ބަޔަކާއި ސަރުކާރުން ވެސް އެގޮތަށް އެދޭތީ ކަމަށެވެ.
މީގެއިތުރުން އާދަމް ޝަރީފު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި މެދު ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ނިމިދިޔަ މަޖިލިސް އިންތިހާބުގެ އަޣުލަބިއްޔަތުވެސް ރައްޔިތުން ދީފައިވަނީ އެމްޑީޕީއަށް ކަމަށާއި އެއީ ސަރުކާރުން ކުރާ ކަންކަމަށް ބައެއް ރައްޔިތުން ހިތްހަމަ ނުޖެހުން ނަމަވެސް ގިނަ ރައްޔިތުން ސަރުކާރުގެ ސިޔާސަތުތައް ގަބޫލުކުރާތީ ކަމަށެވެ.