ޚަބަރު

އީދަށް ދިިއްލާނީ ހޮނިހިރު ދުވަހުގެ ރޭ، މާލޭގައި ހާއްސަ ހަރަކާތްތަކެއް!

1

މި އަހަރުގެ ފިތުރު އީދާ ދިމާކޮށް އަންނަ ހޮނިހިރު ދުވަހުގެ މާލޭ ސަރަހައްދާއި ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން ތިން ރަށް ދިއްލާނެ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އާދަމް ޝަރީފް "ވަން" އަށް މިރޭ ވިދާޅުވީ، އީދު ލައިޓު ދިއްލުން އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ކަމަށެވެ. އެގޮތުން ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށާއި އާބާދީ އެންމެ ބޮޑު ދެ ރަށާއި ސިޓީތަކުގައި ލައިޓު ދިއްލާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން މި ފަހަރު އަލަށް 36 ރަށުގައި އީދު ލައިޓު ދިއްލާނެ ކަމަށް ބުންޏެވެ.

"މި ފަހަރު 28 މިލިއަން ރުފިޔާގެ ލައިޓު ވާނީ ގެނެސްފައި" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ފަހަރުގެ އީދުގައި މާލޭ ސަރަހައްދުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކު އެއްކޮށްލައިގެން އީދު ދުވަހުގެ ހަވީރު، އެކި ކުޅިވަރުތަކާއެކު ކުޑަކުދިންގެ ހަވީރެއް ބާއްވާނެ ކަމަށާއި އެ ރޭ ހިއްޗަށް ދިއުމުގެ ހަރަކާތެއް އޮންނާނެ ކަމަށެވެ.

އީދަށް ދިއްލުމުގެ ހަރަކާތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރު ފެއްޓެވި ހަރަކާތެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟