ޚަބަރު

އީދަށް ސިޓީތަކާއި ރަށްތައް ދިއްލައި، ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން އަލުން ހުޅުވައިފި

ފިތުރު އީދަށް ސިޓީތަކާއި ވެރިކަން ކުރާ ރަށްތައް އެކި ކުލަކުލައިގެ ބޮކިފައްޗާއި ގިޑިގެތަކުން ދިއްލައި، ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް މިރޭ އަލުން ހުޅުވައިފިއެވެ.

ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ހަފުލާއެއްގައި ސިޓީތަކާއި ވެރިކަން ކުރާ ރަށްތައް ފިތުރު އީދަށް ދިއްލާލުމުގެ ހަރަކާތް ފައްޓަވައިދެއްވައި، ފެންއަރުވާ ވަޑާން އަލުން ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި އަނބިކަނބަލުންގެ އިތުރުން މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންނާއި ސަރުކާރުގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހެދި ފެންއަރުވާ ވަޑާން ވަރަށް ބޮޑަށް ވީރާނާވެފައިވަނިކޮށް އެތަން އަލުން މަރާމާތުކޮށް، ކުޑަ އީދަށް އެތަން އަލުން ހުޅުވުމުގެ މަސައްކަތް ރައީސްގެ އިސްގެންގެވުމަށް ކުރީ ޕަބްލިކް ވޯކްސް މިނިސްޓްރީންނެވެ.

އެ ފެންއަރުވާ ވަޑާމަކީ، ގައުމީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ މޮނިއުމަންޓަކާއެކު ހިތްގައިމު ގޮތަކަށް ތައްޔާރުކޮށްފައިވާ ފެންއަރުވާ ވަޑާމެކެވެ.