ދުނިޔެ

ޔަމަނުގެ ހޫސީން ހައިޕަރސޮނިކް މިސައިލް އުފައްދައި ޓެސްޓްކޮށްފި

ހައިޕަރސޮނިކް މިސައިލް އުފައްދައި އެ ހަތިޔާރު ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ޔަމަނުގެ ހޫސީން ޓެސްޓްކޮށްފިއެވެ. ހައިޕަރސޮނިކް މިސައިލަކީ އަޑަށްވުރެ ފަސްގުނަ ބާރުމިނުގައި ދަތުރުކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މިސައިލެވެ.

ހައިޕަރސޮނިކް މިސައިލް އުފައްދައި ކާމިޔާބުކަމާއެކު އެ ހަތިޔާރު ޓެސްޓްކޮށްފިކަން ހޫސީން ވަނީ ދުނިޔެއަށް އިއުލާންވެސް ކޮށްފައެވެ. އެމީހުން ބުނާގޮތުގައި މިހަތިޔާރު މިހާރުވަނީ ރެޑްސީގައި ޔަމަނާ ދެކޮޅަށް އެމެރިކާ އާއި އިނގިރޭސިން އެކުލަވާލާފައިވާ އަރުމާދުގެ އުޅަނދުތަކާ ދެކޮޅަށް ބޭނުންކުރުމަށް ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. ބޭނުންވެއްޖެ ހިނދެއްގައި އިޒްރޭލާ ދެކޮޅަށްވެސް ހައިޕަރސޮނިކް މިސައިލް ބޭނުންކުރަން ފަސްނުޖެހޭނެ ކަމަށް ހޫސީން ބުނެއެވެ.

ހައިޕަރސޮނިކް މިސައިލް ފުރަތަމަ ފަހަރަށް އުފެއްދުމުގެ އިތުރަށް ހޫސީން ވަނީ އެމީހުން އަމިއްލައަށް އުފައްދާ ޑްރޯންވެސް ބޮޑުތަނުން އަޕްގްރޭޑް ކޮށްފައެވެ. އެހެންވީމާ ކުރިއަށްއޮތް ތަނުގައި ހޫސީންގެ ހަމަލާތަކުން ދިފާއުވެގަތުން އެމެރިކާ އާއި އިނގިރޭސި މަނަވަރުތަކަށް ވަރަށް އުނދަގޫވާނެއެވެ.

ބުނެވޭ ގޮތުގައި ހައިޕަރސޮނިކް މިސައިލް ޓެކްނޮލޮޖީ ހޫސީންނަށް ފޯރުކޮށްދިނީ އީރާނުންނެވެ. ހޫސީންގެ އައު މިސައިލް ފަރުމާކޮށްފައިވަނީ އީރާނުގެ ފައްތާހު 2 މަރުކާގެ މިސައިލް އަސްލަކަށް ބަލައިގެންނެވެ. ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރާގޮތުގައި މިޒާތުގެ އަސްކަރީ އައު ޓެކްނޮލޮޖީ ހޫސީންނަށް ފޯރުކޮށްދިނުމުގައި ރޫސީވިލާތުންވެސް ދައުރެއް އަދާކުރެއެވެ. އެކަމަކު މިވާހަކަތައް ރޫސީން ދޮގުކުރެެއެވެ.

ހޫސީންނަކީ ޔަމަނުގެ ވެރިކަން މިހާރު ކުރަމުންދާ ޖަމާއަތެވެ. އެމީހުންގެ ވެރިކަމުގެ ގާނޫނީ ހައިސިއްޔަތު ގަބޫލުކުރާ ހަމައެކަނި ގަައުމަކީ އީރާނެވެ. ހޫސީންނަށް ހައިޕަރސޮނިކް މިސައިލް ލިބިއްޖެކަން ޔަގީންވުމުން އެމެރިކާއާއި އިނގިރޭސީންނަށް ކުއްލި ސިހުމެއް ލިބި އދ. މެދުވެރިވެގެން މިކަން ހުއްޓުވައި އީރާނު މައިތިރިކުރުމަށް އިނގިރޭސިވިލާތުން ވަނީ ގޮވާލައިފައެވެ.