އިމާދު ލަތީފު
އިންޑިއާގެ އާއްމު އިންތިޚާބުގެ ވޯޓުލުން ކުރިއަށްއޮތް އެޕްރީލް މަހުގެ ނަވާރަވަނަ ދުވަހު ފަށާނެއެވެ. މިއީ ހަތް ފިޔަވައްސަކަށް ބަހާލެވިފައިވާ އިންތިޚާބެކެވެ. ނަތީޖާތައް އިއުލާންކުރާނީ ޖޫން ހަތަރެއްގައެވެ. މިއީ ގާތްގަޑަކަށް ހަ ހަފުތާގެ ދިގު މުއްދަތަކަށް ކުރިއަށް ގެންދާ މެރެތަން ދުވުމެއް ކަހަލަ އިންތިޚާބެކެވެ. މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 970 މިލިއަން މީހުން އެބަތިއްބެވެ. އެއީ އެމެރިކާއާއި ޔޫރަޕުގެ އިއްތިހާދާއި ރަޝިޔާގެ ޖުމްލަ އާބާދީއަށްވުރެވެސް އިތުރު މިންވަރެކެވެ. އެހެންވީމާ މިއީ މުޅި ދުނިޔޭގައިވެސް ބާއްވާ އެންމެ ބިޔަ އިންތިޚާބެވެ. މި އިންތިޚާބުގައި އެންމެންގެ ލޯތައް އަމާޒުވެފައިވާ ބޭފުޅަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އޭނާގެ އުންމީދަކީ ވިދިވިދިގެން ވެރިކަމުގެ ތިންވަނަ ދައުރެއް ކާމިޔާބު ކުރެެއްވުމެވެ. އެކަން ކުރެއްވޭނީ މަރުކަޒީ ޕާރލަމެންޓްގެ ޖުމްލަ އަދަދުކަމަށްވާ 543 ގޮނޑީގެ ތެރެއިން މަދުވެގެން ދެބައިކުޅަ އެއްބައި ކާމިޔާބު ކުރެވިގެންނެވެ.
މޯދީގެ އަމާޒެއްވެސް އެބައޮތެވެ. އެ އަމާޒަކީ އޭނާގެ ބީޖޭޕީއަށް މަދުވެގެން 370 ގޮނޑި ހޯދުމެވެ. އަދި ބީޖޭޕީއާއެކު އިއްތިހާދު ވެފައިވާ ޕާޓީތަކުގެ މައްޗަށް އެކުލެވޭ ނެޝަނަލް ޑިމޮކްރަޓިކް އެލަޔަންސް، އެންޑީއޭއަށް މަދުވެގެން 400 ގޮނޑި ހޯދައިދިނުމެވެ. އެންމެފަހުން 2019 ވަނަ އަހަރު ބޭއްވުނު އާއްމު އިންތިޚާބުގައިވެސް ބީޖޭޕީ ވަނީ ފުރިހަމަ އަޣުލަބިއްޔަތެއް ހޯދައިފައެވެ. ޖުމްލަ 303 ގޮނޑި ކާމިޔާބުކޮށްގެންނެވެ. މިއީ 1980 ވަނަ އަހަރު ވުޖޫދުކުރެވުނު ބީޖޭޕީއަށް އިންޑިޔާގެ އާއްމު އިންތިޚާބެއްގައި މިހާތަނަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބެވެ. ބޮޑުވަޒީރު މޯދީގެ އުންމީދަކީ މިފަހަރު އެއަށްވުރެވެސް ފުރިހަމަ ކާމިޔާބީއެކެވެ. މޯދީގެ މި ހުވަފެންތަކަށް ހުރަސްއެޅުމަށް ނުކުމެއޮތީ އިންޑިޔާގެ ނަންދެވިފައިވާ ވަރަށް ބިޔަ ކޯލިޝަނެކެވެ. މިއީ ގާތްގަޑަކަށް ސައުވީސް ޕާޓީއެއްގެ މައްޗަށް އެކުލެވިގެންވާ ކޯލިޝަނެކެވެ. މި ކޯލިޝަނުގައި ގައުމީ ޕާޓީތަކާއި ސަރަހައްދީ ޕާޓީތައް ހިމެނެއެވެ. މި ކޯލިޝަން ގާއިމްކުރެވުނީ ހުސްވި 2023 ވަނަ އަހަރުއެވެ.
މި ކޯލިޝަނުގެ ތެރެއިން އެންމެ އިސްބަޔަކީ ރަހޫލް ގާނދީގެ ކޮންގްރެސް ޕާޓީއެވެ. ކޯލިޝަންގެ ފުރިހަމަ ނަމަކީ އިންޑިއަން ނެޝަނަލް ޑިވެލޮޕްމެންޓަލް އިންކްލޫސިވް އެލަޔަންސެވެ. އަކުރުތައް ރަމްޒުކޮށްގެން ކުރުކޮށް ކިޔަނީ އިންޑިއާއެވެ. އެމީހުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެންމެން އެއްގަލަކަށް އަރައިގެން އެއްއަމާޒަކަށް ވާސިލްވުމަށް ކުރާ މަސައްކަތުގައި އެކުވެރިކަން ހިފެހެއްޓުމެވެ. ބީޖޭޕީއާ ވާދަކުރުމަށްޓަކައި ކޮންމެ ގޮނޑިއަކަށްވެސް އެންމެ ގާބިލް ކެންޑިޑޭޓް ނެރުމަކީ އެމީހުންނަށް ފަސޭހަ ކަމެއް ނޫނެވެ. ކޮންމެ ޕާޓީއަކުންވެސް އެމީހުންގެ ކެންޑިޑޭޓަކު ނެރުމަށް ބޭނުންވެއެވެ. މިކަން ވެފައިވަނީ ވަރަށްވެސް ބިޔަ ކޯޅުމަކަށެވެ. ވޭންދެނިވި އަރައިރުމަކަށެވެ. ބީޖޭޕީއާ ދެކޮޅުވުން ފިޔަވައި މި އެންމެނަށް އެއްބަސްވެވޭ އެހެން ފޯމިއުލާތަކެއް ނެތެވެ. މިއީ ބީޖޭޕީއަށް މި އިންތިޚާބު ކާމިޔާބު ކުރުމަށް އޮތް ވަރަށް ބޮޑު ސަބަބެކެވެ. ލިބޭ ހިތްވަރެކެވެ. ބީޖޭޕީގެ ދިރުމަކީ އަދި ފުރާނަޔަކީ ހަރުކަށި ހިންދޫ ގައުމިއްޔަތެވެ. މުސްލިމުންނާ އަދާވާތްތެރިވުމެވެ.
އުމުރުފުޅުން މިހާރު 73 އަހަރުވީ މޯދީ މި އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ އޭނާ ހިމެނިވަޑައިގަންނަވާނީ އިންޑިއާގެ ތާރީޚުގައިވެސް ވިދިވިދިގެން ތިންވަނަ ދައުރެއް ކާމިޔާބު ކުރެއްވި ދެ ވަނަ ބޮޑުވަޒީރު ކަމުގައެވެ. މީގެކުރިން އެކަން ކުރައްވާފައިވާ ހަމައެކަނި ބޭފުޅަކީ އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރުލާލް ނެހުރޫއެވެ. ކޮންމެއަކަސް މި އިންތިޚާބު ކާމިޔާބު ކުރުމަށް ބީޖޭޕީ އެއޮތީ ދުރާލައި ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. އިންތިޚާބުގެ ތާރީޚުތައް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރުމުގެ މާކުރީގައި ބީޖޭޕީން ވަނީ ކެމްޕޭނުވެސް ފަށައިފައެވެ. މިއަހަރުގެ ކުރީކޮޅު ބޮޑުވަޒީރު މޯދީ ލަކްޝަދީބުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅަކީވެސް ހަގީގަތުގައި ކެމްޕޭނު ދަތުރުފުޅެކެވެ. ލަކްޝަދީބަކީ މުސްލިމުންގެ ވަޒަނަކަށްވެފައި އެއީ ބީޖޭޕީގެ ތާއީދުއޮތް ތަނެއްވެސް ނޫނެވެ. އެކަމަކު މޯދީ ބޭނުންފުޅުވަނީ މިފަހަރު އެކަންވެސް ބަދަލު ކުރެއްވުމަށެވެ. ފަތުރުވެރިކަމޭ، އެއަރޕޯޓޭ، ދިވެހިރާއްޖެއޭ، ތަރައްގީއޭ ވިދާޅުވަމުން ގެންދެވީ މި އެދުންފުޅުގައެވެ.
ހަމަ ކޮންމެ ދުވަހަކުވެސް ބޮޑުވަޒީރު މޯދީ ކޮންމެވެސް އެއް ސަރަހައްދަކަށް ވަޑައިގެން ކެމްޕޭނު އެބަކުރައްވައެވެ. އައު މަޝްރޫއުތައް އިފްތިތާހު ކުރައްވައި އައު ވައުދުތަކުން ރައްޔިތުންނަށް އުންމީދުތައް ގެނެސް އެބަދެއްވައެވެ. ދީނީ ހަފުލާތަކުގައި ބައިވެރިވެވަޑައިގެން ހަރުކަށި ތަގުރީރުތައް ދެއްވައި ހިންދޫތަވާގެ ޗެމްޕިއަނަކީ އޭނާކަން އެބަދައްކަވައެވެ. ނުފޮރޮޅާކަށް އެންމެ ގާކޮޅެއްވެސް ނުބާއްވަވައެވެ. އިންތިޚާބުގެ ތާރީޚު ގާތްވަމުންދާ ވަރަކަށް ކެމްޕޭނުގެ ފޯރިވެސް ދަނީ ގަދަވަމުންނެވެ. ކުރިން ދެންނެވިހެން މިއީ ހަތް ފިޔަވަހީގެ އިންތިޚާބެކެވެ. އެންމެ ފުރަތަމަ ފިޔަވަހީގެ ވޯޓުލުން އެޕްރީލް ނަވާރައިގައެވެ. އެންމެ ފަހު ފިޔަވަހި ޖޫން އެކެއްގައެވެ. މަރުކަޒީ އިންތިޚާބުގެ އިތުރަށް އިންޑިއާގެ އަށާވީސް ސްޓޭޓްގެ ތެރެއިން ހަތަރު ސްޓޭޓެއްގެ ސަރަހައްދީ އިންތިޚާބުގެ ވޯޓުލުންވެސް މިއާ އެކުއެކީގައި ކުރިއަށް ގެންދާނެއެވެ. އެއީ އަންދްރާ ޕްރަދޭޝް، އަރުނާޗަލް ޕްރަދޭޝް، އޮޑީޝާ އަދި ސިއްކިމެވެ.
މީގެ އިތުރަށް އެކި ސްޓޭޓްތަކުގެ ސަރަހައްދީ އެސެމްބްލީން ހުސްވެފައިވާ ސައްބީސް ގޮނޑިއަކަށް އައު މެންބަރުން ހޮވުމަށްޓަކައި ބައިއިލެކްޝަން ވެސް މި މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދާނެއެވެ. އެހެންވީމާ މިއީ ހަގީގަތުގައި އިންތިޚާބުތަކުގެ އީދެކެވެ. މި އީދުގައި އިންޑިއާގެ އެކި ކަންކޮޅުތަކުގައި އެއް މިލިޔަނަށްވުރެ ގިނަ ވޯޓުފޮށިތައް ބެހެއްޓޭނެއެވެ. މި ވޯޓުފޮށިތަކުގެ ކައިރީގައި ފަނަރަ މިލިޔަނަށްވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާނެއެވެ. މިއީ ނަންބަރުގެ ގޮތުންވެސް ދުނިޔޭގެ ރިކޯޑެކެވެ. މިހުރިހާކަމެއް ރާވައި ހިންގާނީ އިލެކްޝަން ކޮމިޝަން އޮފް އިންޑިއާ، އީސީއައި އެވެ. އީސީއައިގެ ވެރިޔަކީ ޗީފް އިލެކްޝަން ކޮމިޝަނަރ ރަޖީވް ކުމާރެވެ. އޭނާ މި ހަފުތާގައި ވިދާޅުވެފައިވަނީ ދުނިޔޭގެ ޑިމޮކްރަސީގެ ދަންމަރަކީ އިންޑިއާކަން ސާބިތުކޮށް ދެއްކުމަށްޓަކައި އޮމާން އަމާން ލާމަސީލު އިންތިޚާބެއް ބޭއްވުމަށް އޭނާގެ ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެގެން ކަމުގައެވެ.