ދުނިޔެ

ދުނިޔޭގެ އެންމެ ފަގީރު ދިހަ ގައުމުވެސް އެފްރިކާ ބައްރުގައި

ދުނިޔޭގައި އެންމެ ފަހުން މިނިވަންވި އެންމެ ޅަ ގައުމަކީ ސައުތު ސޫދާނެވެ. އެ ގައުމަށް މިނިވަންކަން ލިބުނީ 2011 ވަނަ އަހަރުއެވެ. ސައުތު ސޫދާން ހިމެނެނީ ދުނިޔޭގެ އެންމެ ޅަ ގައުމުކަމަށް ވުމުގެ އިތުރަށް ދުނިޔޭގެ އެންމެ ފަގީރު ގައުމު ކަމުގައެވެ. ވޯލްޑް އިކޮނޮމިކް އައުޓްލުކް ބުނާގޮތުން ސައުތު ސޫދާނުގެ ޖީޑީޕީއަކީ 476 ޑޮލަރެވެ.

ދުނިޔޭގެ އެންމެ ފަގީރު ދިހަ ގައުމަށް ބަލާއިރު މި ލިސްޓުގައި ހިމެނެނީ މުޅިންވެސް އެފްރިކާ ބައްރުގެ ގައުމުތަކެވެ. ސައުތު ސޫދާނުގެ ފަހަތުން ލިސްޓުގެ ދެވަނަ ލިބެނީ އެފްރިކާގެ މެދުތެރޭގައިވާ ގައުމެއް ކަމަށްވާ ބުރުންޑީއަށެވެ. ބުރުންޑީގެ ޖީޑީޕީއަކީ 890 ޑޮލަރެވެ. މި ދެ ގައުމު ފިޔަވައި އެހެން ހުރިހާ ގައުމެއްގެ ޖީޑީޕީ އުޅެނީ އެއްހާހުން މަތީގައެވެ.

ލިސްޓުގެ ތިންވަނައިގައި އުޅެނީ އެގާރަސަތޭކަ ޑޮލަރުގެ ޖީޑީޕީއަކާއެކު ސެންޓްރަލް އެފްރިކަން ރިޕަބްލިކެވެ. އޭގެ ފަހަތަށް ދެން އަންނަނީ ޑިމޮކްރަޓިކް ކޮންގޯއެވެ. އެގައުމުގެ ޖީޑީޕީއަކީ ފަނަރަސަތޭކަ ޑޮލަރެވެ. ކޮންގޯއާ ދާދި އެއްވަރެއްގައިވާ ނީޖަރަށް ލިބެނީ ލިސްޓުގެ ފަސްވަނައެވެ. އެގައުމުގެ ޖީޑީޕީއަކީ ގާތްގަޑަކަށް ސޯޅަސަތޭކަ ޑޮލަރެވެ.

މި ލިސްޓުގައި ދެން ހިމެނެނީ މޮޒަމްބީގް، މަލާވީ، ލައިބީރިޔާ، އަދި ޗާޑާއި މަޑަގަސްކަރައިގެ ނަމެވެ. މީގެ ތެރެއިން ޗާޑާއި މޮޒަމްބީގާއި މަޑަގަސްކަރައަކީ ނިސްބަތުން ސައިޒު ބޮޑު އަދި ގުދުރަތީ ވަސީލަތްތައްވެސް ގިނަ ގައުމުތަކެކެވެ. އެހެންނަމަވެސް ދާޚިލީ މައްސަލަތަކާއި ކޮރަޕްޝަނާއި ރަނގަޅަށް މެނޭޖް ނުކުރެވުން ކަހަލަ ކަންކަމުގެ ސަބަބުން މިއިން ގައުމެއްގެ ޖީޑީޕީ ދެހާސް ޑޮލަރަށްވެސް ނާރައެވެ.