ޗައިނާގެ ޗެންގްޑޫ ސިޓީ ރޭގަނޑު ބޮޑަށް އަލިކުރުމުގެ ބޭނުމުގައި އެގައުމުގެ ސައިންޓިސްޓުންނާއި އިންޖީނިއަރުން އާޓިފިޝަލް ހަނދެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
ޗައިނާގެ ސައިންޓިސްޓުން އުފައްދާ ހަނދުގެ ބޭނުމަކީ ޗެންގްޑޫ ސަރަހައްދު ރޭގަނޑު ގަޑީގައި ބޮޑަށް އަލިކުރެވޭނެ ގޮތެއް ހެދުމެވެ. ޗެންގްޑޫގެ އެއިރޯ ސްޕޭސްގެ ޗެއާމަން ވަނީ 2020 ގައި ޗައިނާއިން ޖައްވުގައި އާޓިފިޝަލް ހަނދެއް ބެހެއްޓުމަށްފަހު ޗެންގްޑޫ އަވަށަށް ރޭގަނޑުގެ ވަގުތުގައި ހަނދުގެ އަލިކަމަށް ވުރެ އަލިގަދަކޮށް ދިއްލާލާނެ ކަމަށް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ އެމީހުންގެ އަމާޒަކީ ޗެންގްޑޫ އަވަށުގެ މަގުމަތީ ބޮކިތައް ބޭނުން ނުކޮށް އަލިކުރެވޭނެވަރު ކުރުން ކަމަށާއި އެކަމުގެ ސަބަބުން އެތައް ގުނައަކަށް ހަރަދު ކުޑަވެގެން ދާނެ ކަމަށެވެ.
އެއިރޯ ސްޕޭސްގެ ޗެއާމަން ވިދާޅުވީ އާޓިފިޝަލް ހަނދުގެ ސަބަަބުން އަސްލު ހަނދަށް ވުރެ އަށް ގުނައަށް ޗެެންގްޑޫ ސިޓީ އަލިކުރެވޭނެ ކަމަށެވެ. އަދި އާޓިފިޝަލް ހަނދުގެ އަލިކަން 50 މޭލަށް ފޯރާނެ ކަމަށެވެ.
އާޓިފިޝަލް ހަނދުގެ މަސައްކަތް ނިމި އޭގެން އަލިކަން ލިބެން ފެށުމުން ޗެންގްޑޫ ސިޓީން ފަސް އަހަރުތެރޭ 20 ބިލިއަން ޔުއާން ސަލާމަތް ކުރެވޭނެ ކަމަށް ބެލެވޭއިރު މިއީ ހަކަތަ ބޭނުން ކުރެވޭ ނިސްބަތް ދަށް ކުރުމަށް ކުރެވޭ މަސައްކަތަށް އިންގިލާބީ ބަދަލެއް ގެނުވާނެ ކަމެއް ކަމަށް ބެލެވެއެވެ.
އާޓިފިޝަލް ހަނދާ މެދު ގިނަމީހުން ދެކެމުން ދަނީ މިއީ ހަގީގަތަކަށް ނުވާނެ ކަމެއް ކަމުގައެވެ. 1993 ވަނަ އަހަރުވެސް ރަޝިއާއިން ވެސް ވަނީ ޖައްވުގައި ބޮޑު ލޯގަނޑެއް ބެހެއްޓައިފައެވެ. އިރުގެ އަލި ބޭނުންކޮށްގެން ރޭގަނޑު ރަޝިއާ އަލިކުރުމުގެ ބޭނުމުގައި ހަރުކުރި މި ލޯގަނޑު ރަޝިއާގެ ސައިންސްވެރިން ބޭނުންވާވަރަށް އަލި ރިފްލެކްޓް ނުކުރެވުމުން ކާމިޔާބު ކަމަކަށް ނުވިއެވެ.