މުހައްމަދު އައުޒަމް
އިންޑިއާގައި ދުއްވަމުން ދިޔަ ބަހެއް ކަރަންޓު ކޭބަލެއްގައި ޖެހި ރޯވެ ފަސްމީހަކު މަރުވެއްޖެއެވެ.
އިންޑިއާގެ އުތުރުން އޮންނަ އުއްތަރަ ޕްރަދޭޝްގައި ދަތުރު ކުރަމުންދިޔަ އެ ބަސް ހައި ވޯލްޓޭޖް ކަރަންޓު ކޭބަލެއްގައި ޖެހުމާއެކު ބަހުގައި އަލިފާން ރޯވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
އެ ހާދިސާގައި ފަސް މީހަކު މަރުވެފައިވާއިރު ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު ބައެއް މީހުންގެ ހާލު ދެރަ ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ ބަހުން ދަތުރު ކުރި މީހުންގެ ސީދާ އަދަދު އެނގިފައި ނުވާކަމަށާއި ބަސް ދަތުރުކުރަމުން ދިޔައީ ކައިވެނި ހަފުލާއެއް ނިންމާލުމަށްފަހު އެހެން ސިޓީއަކަށް ދިއުމަށް ކަމަށް ބުނެފައެވެ.