ދުނިޔެ

ކައިވެންޏެއްގެ ސަބަބުން ތައިލެންޑުގެ އަމީރަކަށް ރަސްކަމުގެ ފުރުސަތު ގެއްލިއްޖެ

ތައިލެންޑުގެ ރަސްގެފާނު ވަޖިރަލޮންގްކޯންގެ ދަރިކަލުން ވަޗަރައެސޯން އެމެރިކާ އަންހެނަކާ ކުރެެއްވި ސިއްރު ކައިވެނިފުޅެއްގެ ސަބަބުން ތައިލެންޑުގެ ރަސްކަމަށް ވަޑައިގެންނެވުމަށް އޭނާއަށް އޮތް މަގު ބަންދުވެއްޖެއެވެ. ތައިލެންޑުގެ ގާނޫނު ބަޔާންކުރާ ގޮތުން ބޭރުމީހަކާ އިނދެގެން އުޅޭ މީހަކަށް ރަސްކަމެއް ނުލިބޭނެއެވެ.

ވަޖިރަލޮންގްކޯނަށް ތަޚުތު ލިބިވަޑައިގަތީ 2016 ވަނަ އަހަރު އޭނާގެ ބައްޕާފުޅު ބުމިބޮލް އަވަހާރަވުމުންނެވެ. ބުމިބޮލް އަވަހާރަވީ ރަސްކަން ކުރައްވާތާ 70 އަހަރުވީ ފަހުންނެވެ. އުމުރުފުޅުން މިހާރު 72 އަހަރުވީ ވަޖިރަލޮންގްކޯނަކީ އަވަހާރަވި ރަސްގެފާނުގެ ދޮށީ ދަރިކަލުންނެވެ.

ވަޖިރަލޮންގްކޯންގެ ރަސްކަމަށް 8 އަހަރު ފުރެން ކައިރިވިއިރު ވަލީއަހުދަކު އަދި ހަމަނުޖައްސަވައެވެ. ރަސްގެފާނު ވަޖިރަލޮންކޯނަށް ހަތަރު ކައިވެނިފުޅަކުން ހަތް ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އޭގެތެރެއިން ފަސް ބޭފުޅުންނަކީ ފިރިހެން ބޭފުޅުންނެވެ. މީގެތެރެއިން ދެން ރަސްކަމަށް ވަޑައިގެންނެވުމަށް ރަސްގެފާނު އެންމެ ރުހިވަޑައިގެން ހުންނެވި ބޭފުޅަކީ ވަޗަރައެސޯން، ކަމަށް ބުނެވެއެވެ.

ތައިލެންޑުގެ ރަސްގެފާނަކީ އޭޝިއާގެ ގައުމެއްގައި ރަސްކަން ކުރައްވާ އެންމެ މުއްސަނދި ރަސްގެފާނެވެ. އޭނާ ތައިލެންޑުގައި ހޭދަކުރައްވާ ދުވަސްތަކަށްވުރެ ގިނައީ ޖަރުމަންވިލާތުގައި ހޭދަކުރައްވާ ދުވަސްތަކެވެ. އޭނާގެ ދިރިއުޅުއްވުމުގެ ސްޓައިލް ހުންނަ ގޮތާއި ކުރައްވާ ކަންކަމުގެ ސަބަބުން ތައިލެންޑުގެ ރައްޔިތުންގެ ތެރޭގައި އޭނާގެ މަގުބޫލުކަން ވަރަށް ކުޑައެވެ. އޭނާ ކުރައްވާފައިވާ އާދަޔާ ޚިލާފު ކަންކަމުގެ ތެރެއިން އެއްކަމަކީ އޭނާ އޮޅުކުރައްވައިގެން ގެންގުޅުއްވި ކުއްތާއެއް ތައިލެންޑުގެ ވައިގެ ސިފައިންގެ އެއަރ ޗީފް މާޝަލްއަކަށް ހެއްދެވުމެވެ.