ދުނިޔެ

ރަޝިޔާ އިން ޖާސޫސްކުރަން ބޭނުންކުރާ ބޮޑުމަހެއް ނޯވޭއިން ފެނިއްޖެ

ރަޝިޔާ އިން ޖާސޫސްކުރަން ބޭނުންކުރާ ބޮޑުމަހެއް ނޯވޭއިން ފެނިއްޖެއެވެ.

ނޯވޭގެ މަސްވެރިޔަކަށް ފެނުނު މި ބޮޑުމަހަކީ ޖާސޫސްކުރަން ބޭނުން ކުރާ މަހެއް ކަމަށް ނޯވޭގެ އެކްސްޕާޓުން ވަނީ ބުނެފައެވެ. ނޯވޭގެ މެރިން ބަޔޮލޮޖިސްޓަކު ވަނީ ބޮޑުމަހުގެ ހަށިގަނޑުގައި ހަރުކޮށްފައިވާ ބެލްޓުގައި ގޯޕްރޯއެއް ހަރުކޮށްފައި ވާކަމަށާއި މިގޯޕްރޯ ނިސްބަތްވަނީ ރަޝިޔާގެ ސެއިންޓް ޕީޓާސްބަރގް އަށް ކަން ކަށަވަރުވެވެފައިވާކަމަށް ބުނެފައެވެ. ބަޔޮލޮޖިސްޓު ވަނީ ބެލްޓުގައި ހަރުކޮށްފައިވާ ގޯޕްރޯ މިހާރު ނެތްކަމަށް ބުނެފައެވެ. ނަމަވެސް ގޯޕްރޯ ހަރުކުރާ ފްރޭމް ހުރިކަމަށްވަނީ ބުނެފައެވެ.

ނޯވޭގެ ބަޔޮލޮޖިސްޓް ވަނީ ރަޝިޔާގެ ސައިންޓިސްޓުންނާ ވެސް މިބޮޑުމަހުގެ ވާހަކަ ހިއްސާކޮށްފައެވެ. ނަމަވެސް ރަޝިޔާގެ ސައިންޓިސްޓުން ވަނީ މިބާވަތުގެ ކިޓެއް ރިސާޗު ބޭނުމުގައިވެސް ބޭނުން ނުކުރާ ކަމަށް ބުނެފައެވެ.

ނޯވޭގެ އޮފިޝަލުންވަނީ މިބޮޑުމަހުގައި ހަރުކޮށްފައިވާ ބެލްޓު ނައްޓައިލުމަށްފަހު ބޮޑުމަސް ދޫކޮށްލާ މަންޒަރުފެންނަ ވީޑިއޯ ހިއްސާކޮށްފައެވެ.

މީގެ ކުރިންވެސް ރަޝިޔާއިން ޖާސޫސުކުރުމަށް ބޭނުންކުރާ ބައެއް އުކުޅުތައް ނޯވޭއިން ވަނީ ހޯދައިގެންފައެވެ.