ދުނިޔެ

ހެއިޓީގެ ގޭންގުތަކުން އެގައުމުގެ މައި އެއާޕޯޓު ހިސޯރުކުރަން މަސައްކަތް ކުރަނީ

މުހައްމަދު އައުޒަމް

ހެއިޓީގެ ގޭންގުތަކުން އެގައުމުގެ މައި އެއާޕޯޓު ހިސޯރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެއިޓީގެ ވެރިރަށް ޕޯޓް އައު ޕްރިންސްގައި ހުންނަ އެގައުމުގެ މައި އެއާޕޯޓު އެގައުމުގެ ގޭންގުތަކުގެ ބާރުގެދަށަށް ގެނައުމަށް މަަސައްކަތް ފަށާފައި ވާއިރު އެއެއާޕޯޓު ހިމާޔަތް ކުރުމަށް އެގައުމުގެ ސިވައިން ވަނީ އެއާޕޯޓު ސަރަހައްދަށް ހާއްސަ ޓީމެއް ފޮނުވައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.

ހެއިޓީގެ އެކި ސަރަހައްދު ތަކުގައި ހިންގަމުންގެންދާ ހަމަނުޖެހުންތައް ނުހުއްޓި އެގައުމުގެ ގިނަ ސަރަހައްދުތަކެއް ވަނީ ގޭންގުތަކުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

އޮފިޝަލުން ވަނީ ހެއިޓީގެ މައި އެއާޕޯޓަށް ހަމަލާދީ ހިފުމުގެ މަސައްކަތް ގޭންގުތަކުން ކުރިޔަށް ގެންދަންފަށާފައިވަނީ އެގައުމުގެ ބޮޑުވަޒީރު އެރިއަލް ހެންރީ އެނބުރި ގައުމަށް އެތެރެވިޔަ ނުދިނުމަށް ކުރަމުންގެންދާ ކަމެއް ކަމަށް ފާހަގަކޮށްފައެވެ. ބޮޑުވަޒީރު މިހާރު ހުންނެވީ އެފްރިކާގެ ގުޔާނާގައި ކަމަށް އޮފިޝަލުން ބުނެއެވެ.

ހެއިޓީގައި މިހަފުތާގެ ކުރީކޮޅު އެގައުމުގެ އެންމެ ބޮޑު ޖަލުވެސް ވަނީ ގޭންގުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެޖަލުން 4000 އަށް ވުރެން ގިނަ ގައިދީން ފިލިކަމަށް އޮފިޝަލުން ބުނެއެވެ.